English Edition
Dhivehi Edition
22 އޮގަސްޓް 2019 ގައި އެމްޑީޕީ އިން އެ ޕާޓީގެ ކައުންސިލަރުންނަށް ބޭއްވި ކޮންފަރެންސްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

އަންނަ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން އެ ޕާޓީން ވަކިކުރުމަށް ނިންމައިފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވި ފަރާތްތަކުގެ ތެރެއިން ކައުންސިލް އިންތިޚާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތަކާއި، އަދި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައިހުރެ އެއިންތިޚާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތެއް އެ ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން މިއަދު ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ އެގޮތަށް ފިޔަވަޅުއަޅާ ކޮމިޓީން ނިންމާފައިވަނީ އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބެ އެ ޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފަށް ބައެއް ފަރާތްތަކުން އެފަދައިން ޢަމަލުކުރަމުން ދާކަމުގެ ޝަކުވާގެ މައްސަލަ، ފިޔަވަޅުއަޅާ ކޮމިޓީން ބެލުމަށްފަހުގައި ކަމަށެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ކެންޑިޑޭޓުންގެ ތެރެއިން އެގޮތަށް އަމަލުކޮށްފައިވާ ފަރާތްތައްވެސް ޕާޓީން ވަކިކުރުމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން ވަނީ ނިންމައިފަ އެވެ.