English Edition
Dhivehi Edition
އާރކްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ކުޑަކުދިންނަށް އަނިޔާ އާއި ތަފާތު ބާވަތުގެ ގޯނާތައް ކުރުމާއި އިހުމާލުވުމުގެ މައްސަލައަކީ، އެކަންކަމުން ލިބޭ ގެއްލުމުގެ ނުރަނގަޅު އަސަރު އެ ކުދިންގެ މުޅި ހަޔާތަށް ދެމިގެންދާ ބޮޑެތި މައްސަލަތަކެއް ކަމަށާއި، އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ އެފަދަ ކަންބޮޑުވާ މައްސަލަތައް ހައްލު ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް) ގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“ސެލެބްރޭޓިންގ އަ ޑިކޭޑް އޮފް ޑިފަރެންސް” ގެ ނަމުގައި ކުރުނބާ މޯލްޑިވްސްގައި މިއަދު ހަވީރު ބޭއްވެވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މިހާރަށްވުރެ ހަރުދަނާކަމާއެކު މަސައްކަތް ކުރެއްވުމަށް ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް ގޮވައިލައްވާފައެވެ. އަދި، ކަމާއިބެހޭ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މި ދާއިރާގެ ފަންނީ ބޭފުޅުން މަދުވުމަކީ އެއް މައްސަލަ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، އިޖްތިމާޢީ ކުރިއެރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާ އަދި ޖަމާޢަތްތަކުގެ ދައުރު އިތުރަށް ފުޅާކޮށް، އެ ފަރާތްތަކުގެ މަސައްކަތްތައް ހަރުދަނާ ކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުޑަކުދިންނަށް އަނިޔާ ކުރުމާއި ތަފާތު ބާވަތުގެ ގޯނާތައް ކުރުމާއި އިހުމާލުވުމުގެ މައްސަލަތައް ހައްލު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން މިފަދަ މައްސަލަތައް ބެލުމަށް ޚާއްޞަ ކޮމިޝަނެއް އުފައްދަވާފައިވާ ކަމަށާއި، އެ ކޮމިޝަނުގެ މަސައްކަތަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި އެހެނިހެން ޤަވާޢިދުތަކުގެ ދަށުން، ޖިނާއީ ދަޢުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މަޢުލޫމާތު ހޯދައި އެކަމުގެ ފުރިހަމަ ދިރާސާއެއް ހެދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު މިދިޔަ އަހަރުގެ ތެރޭގައި ތަޞްދީޤުކޮށް، މިހާރު އަމަލުކުރަން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހަމައެއާއެކު ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ތަޞްދީޤުކޮށްފައިވާ ކަމާއި، އަންހެނުންނާއި މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލުމާއި ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ސީޑޯ) ގެ 16 ވަނަ މާއްދާއަށް، ދިވެހި ދައުލަތުގެ ފަރާތުން މީގެ ކުރިން ކޮށްފައި ހުރި ބައެއް އިޢުތިރާޟްތައް، އަނބުރާ ނަގައިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ްއ ރަސްމިއްޔާތުގައި 2019 ވަނަ އަހަރު އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަންގެ ކޯޕަރޭޓް އެމްބަސެޑަރުންގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް އެޖަމްޢިއްޔާގެ ފަރާތުންވަނީ ހަނދާނީ ފިލާދެއްވާފައެވެ.