English Edition
Dhivehi Edition

“ހަރުކަށި ފިކުރު ހުއްޓުވުމުގައި ތަޢުލީމީ ދާއިރާގެ އިސްވެރިންގެ ދައުރު” މިނަމުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މާރޗް 05 ވަނަ ދުވަހު ހިންގި މި ޕްރޮގްރާމްގެ ދަށުންވަނީ ރ.އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އިސްވެރިންނަށް އަމާޒުކޮށް، މަސައްކަތު ބައްދަލުވުމެއް ބޭއްވުމުގެ އިތުރުން ރ.އުނގޫފާރުގެ ސްކޫލްތަކުގެ ދަރިވަރުންގެ ބެލެނިވެރިންނަށް އަމާޒުކޮށް، ބައްދަލުވުމެއް ބާއްވާފައެވެ.

މިއީ ހަރުކަށި ފިކުރާ ހައްދު ފަހަނައެޅުމާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކަށް ތަޢުލީމީ ދާއިރާ އަހުލުވެރިކުރުމަށްޓަކައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބާއްވާ 9 ވަނަ މަސައްކަތު ބައްދަލުވުމެވެ.

މި މަސައްކަތު ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ އިސްލާމިކް ޔުނިވާރސިޓީ އޮފް ދަ މޯލްޑިވްސްގެ ވައިސްޗާންސްލާރ (އެކެޑެމިކް އެފެއާޒް) ޑރ. ސައުދުﷲ ޢަލީއެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި މި މަސައްކަތުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރުގެ މުހިއްމުކަން ފާހަގަ ކުރައްވައި އެކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ އަދި ޔު.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން ޖަޕާނު ސަރުކާރުގެ އެހީގައި، ހިންގާ ޕްރޮގްރާމެކެވެ. އެއްދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވަނީ އެން.ސީ.ޓީ.ސީ އާއި މޯލްޑިވްސް ޕޮލިސް ސާރވިސް އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ގެ ޑެޕިއުޓީ ވައިސްޗާންސްލާރ (އެކެޑެމިކް އެފެއާޒް) ޑރ. ސައުދުﷲ ޢަލީއެވެ. މިފަހަރުގެ ޕްރޮގްރާމްގައި ރ. އަތޮޅުގެ 17 ސްކޫލަކުން 27 ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ތަޢުލީމީ ދައިރާގައި މަސައްކަތް ކުރައްވާ އިސްބޭފުޅުންނަށް އަމާޒުކޮށްގެން ހިންގާ މި ސިލްސިލާ މަސައްކަތު ބައްދަލުވުން، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި “ގްރޭޓަރ މާލެ” ސަރަހައްދުގެ ސްކޫލްތަކާއި، އައްޑޫ ސިޓީގެ ސްކޫލްތަކާއި، ހުވަދުއަތޮޅުގެ ދެކުނުބުރީގެ ސްކޫލްތަކާއި އަދި ތިލަދުންމަތީ ދެކުނުބުރީގެ ސްކޫލްތަކުގެ އިތުރުން ހައްދުންމަތީގެ ސްކޫލްތަކާއި ޅ. އަތޮޅުގެ ސުކޫލުތަކުގައި މަސައްކަތްކުރައްވާ އިސްބޭފުޅުންނަށް ހިންގާފައިވެއެވެ.