English Edition
Dhivehi Edition
ކައުންސިލް އިންތިޚާބުގެ ސެކިއުރިޓީ އާއި ލޮޖިސްޓިކްސް މަސައްކަތާއި ގުޅިގެން ފުލުހުންނާއެކު އީސީން ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އީސީ)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިންތިޚާބުތަކުގެ ވޯޓު ނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ،އެމީހެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާ ކަމަށެވެ.

އެގޮތުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2020 މާރިޗު 05 ވާ ބުރާސްފަތި ދުވަހުގެ 8:30 ން ފެށިގެން، 2020 މާރިޗު 15 ވާ އާދިއްތަ ދުވަހުގެ 15:00 އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އީސީން ބުނެއެވެ.

އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުމާއި، ޖިނާޢީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި، ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން އަދި ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް / ވެރިއެއް ކަމުގައި ނުވުމުގެ އިތުރުން ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުން އަދި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ހުށަހަޅާނީ މާލޭގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީނަށް) އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އާއި ކުޅުދުއްފުށީގައިނަމަ އަވަށު އޮފީސްތަކާއި ކައުންސިލް އިދާރާއަށް ކަމަށްވާއިރު، އެހެނިހެން ރަށްރަށުގައިނަމަ، ރަށު ކައުންސިލް އިދާރާ (ރަށު ފޯކަލް ޕޮއިންޓް) އަށެވެ.

ފޯމުތައް ހުށަހަޅާނީ އެކަމަށް ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ނޫން ދުވަސްތަކުގައި 08:30 އިން 15:00 އަށް އަދި ހުކުރު ދުވަހު 15:00 އިން 17:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި 09:00 އިން 15:00 އަށެވެ.

ފޯމު ހުށަހަޅަން އަންނަނީ ކެންޑިޑޭޓުންގެ މަންދޫބަކަށް ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހުށަހަޅަން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަން ވާނެ ކަމަށްވެސް އީސީގެ އިއުލާނުގައި ބުނެފައި ވެއެވެ.

އިންތިޚާބުތަކުގެ ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އިލެކްޝަންސް ކޮމިޝަނުންނާއި، އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން، ނިކަގަސްމަގު)ގެ ރިސެޕްޝަނުންނާއި، އީސީގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ އެވެ.