English Edition
Dhivehi Edition

ނުރައްކާތެރި ކޮވިޑް-19 ވައިރަސް ޖެހިގެން މަރުވާމީހުންގެ އަދަދު 3.4 އިންސައްތަ އިތުރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ވައިރަސް ޖެހިގެން މަރުވާމީހުންގެ އަދަދު އިތުރުވިކަމުގައިވީނަމަވެސް ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮލް އަދަނޮމް ގެބްރެޔެސަސް ވަނީ ދުނިޔޭގެ ޤައުމުތަކަށް ވައިރަހުން ރައްކާތެރިވުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށް ގޮވާލާފައެވެ.

ކޮވިޑް-19 އަކީ ގައިންގަޔަށް އަރާ ބައްޔަކަށް ވާއިރު މި ބައްޔަށް މިހާތަނަށް އެއްވެސް ވެކްސިނެއް އުފެއްދިފައި ނުވެއެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ވަނީ ކޮރޯނާވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށް އެންމެ ކުރީސަފުގައި ހަރަކާތްތެރިވާ ނަރުހުންނާއި ޑޮކްޓަރުން ރައްކާތެރިވުމަށް ގޮވާލާފައެވެ. އޭނާ ވަނީ ވައިރަހުން ރައްކާތެރިވުމަށް ބޭނުންކުރާ މާސްކު އުފެއްދުން އިތުރުކުރަން ގޮވާލާފައެވެ.

ޗައިނާގެ ވުހާން ސިޓީ ހިމެނޭ ހުބޭއި ޕްރޮވިންސުން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު މި ވައިރަސް މިހާރު ވަނީ ދުނިޔޭގެ 80 ހަށްވުރެ ގިނަ ޤައުމުން ފެނިފައެވެ.