English Edition
Dhivehi Edition
އެޗްއާރްސީއެމްގެ ރައީސާ އާމިނަތު އީނާސް - ފޮޓޯ: ރައީސް އޮފީސް

ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓު ޤާއިމްކޮށް، މައްސަލަތައް ބަލަން ފަށައިފި އެވެ.

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ހިންގާނެ ގޮތުގެ ޤަވާއިދު ގެޒެޓްކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. އަދި އެ ޤާނޫނުގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން އެކުލަވާލާފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް ސިއްރުކޮށް މަޢުލޫމާތު ހުށަހެޅުމާއި، ބަލައިގަތުމާއި މަޢުލޫމާތުތައް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމުގެ ޤަވާއިދު ގެޒެޓްކޮށްފައި ވަނީ އިއްޔެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުގައި ޤާއިމްކުރަންޖެހޭ އެތެރޭގެ އިންތިޒާމުތައް ޤާއިމްކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެކުލަވާލާފައިވާ “ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި ވިސްލްބްލޯކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، މަޢުލޫމާތުތައް ތަޙުޤީޤުކޮށް، ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިން” އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ދައުލަތުގެ އިދާރާތަކާއި ޙިއްސާކޮށްފައިވާ ކަމަށެވެ.

އަދި ދައުލަތުގެ އިދާރާތަކުގައި ވިސްލްބްލޯކުރުމުގެ އެތެރޭގެ އިންތިޒާމުތައް ޤާއިމްކުރުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތާއި އެހީތެރިކަން ބޭނުންވާ އިދާރާތަކަށް ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން އެހީތެރިކަން ފޯޜުކޮށްދޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

އެޗްއާރްސީއެމުން ބުނީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޤާއިމްކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް މައްސަލަ ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް، ސިޓީން ނުވަތަ މައްސަލަ ހުށަހަޅާ ފޯމަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ޔުނިޓަށް ހާޒިރުވެ، ޝަކުވާ ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 08 ވަނަ ދުވަހު އެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެ ބިލު ތަސްދީޤު ކުރައްވާފައިވަނީ އޮކްޓޯބަރު 17 ވަނަ ދުވަހު އެވެ.