English Edition
Dhivehi Edition
އިލެކްޝަންސް ކޮމިޝަންގެ އިދާރާ - ފޮޓޯ: ގޫގުލް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް ޢައްޔަންކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ފަރާތްތަކާއި ގުޅޭގޮތުން އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އީސީގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު 23 މާރިޗު 2020ގެ ނިޔަލަށް ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށް ރައީސް ޞާލިޙް ފޮނުއްވި ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ މައްސަލަ ފޮނުވައިފަ އެވެ.

އީސީގެ މެންބަރުކަމަށް ރައީސް ފޮނުއްވާފައި ވަނީ އަޙްމަދު އަކްރަމް (ފަރީދީނޫރު / ހއ. ހޯރަފުށި) އާއި އަޙްމަދު ފަޔާޟު ޙަސަން (މ. ހަޒާރީވިލާ) އާއި މަރްޔަމް ޙަނީފާ ޚާލިދު (އަނބުގަސްދޮށުގެ / ހއ. ކެލާ) އަދި އަޙްމަދު މަންޞޫރު (ވ. ރިވެތި)ގެ ނަމެވެ.

އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އީސީގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސް ފޮނުއްވި ނަންތަކާއި ގުޅޭގޮތުން އާންމުންގެ ޝަކުވާއެއްވާނަމަ، އެމައްސަލައެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ނަންތަކާއި ގުޅޭގޮތުން ޢާންމުންގެ ޝަކުވާއެއް އޮތްނަމަ މާރިޗު 08 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން އެފަރާތެއްގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ކޮމިޓީގެ މެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުންނެވެ.