English Edition
Dhivehi Edition

ސްރީލަންކާގެ ޤާނޫނު ހަދާމަޖިލިސް އުވާލުމަށް އެޤައުމުގެ ރައީސް ނިންމަވައިފި އެވެ.

ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ މިގޮތަށް ނިންމާފައިވާއިރު ލަންކާ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ޚާއްސަ އިއުލާނެއްގައިވާ ގޮތުގައި މާޗް 2 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން ލަންކާގެ ޤާނޫނު ހަދާ މަޖިލިސް އުވާލެވޭނެ އެވެ.

ލަންކާ ސަރުކާރުން މިގޮތަށް ނިންމާފައިވާއިރު އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ އާންމު އިންތިޚާބެއް ބޭއްވުމަށް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން މި މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ.

ލަންކާގެ ރައީސް ގޯޯޓާބަޔަ މަގާމާއި ހަވާލުވުމާއި އެކު އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލާނެ ކަމަށް ކުރިންވެސް ވާހަކަތައް ވަނީ ދެކެވިފަ އެވެ. ލަންކާގެ ސިޔާސީ ފަރާތްތަކުން އާންމު އިންތިހާބަކަށް ތައްޔާރުވަމުން އަންނަ އިރު އެ ޤައުމުގެ ސަރުކާރުން ޤާނޫނު ހަދާ މަޖިލިސް އުވާލަން ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނެތުމުންނެވެ.