English Edition
Dhivehi Edition
މަސްވެރިންތަކެއް މަސް ބާނަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް

ލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގޭ މަސްވެރިކަމުގެ ސިނާޢަތުގައި ޒުވާނުންގެ ހިއްސާ އިތުރުކޮށް، ރާއްޖޭގެ އިގްތިސާދީ ސަރަޙައްދުގެ މުއްސަދިކަމުން މަސްވެރިންނަށް އިތުރު ނަފާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި، ދިވެހި ޒުވާނުންނަށް އަމާޒުކޮށް ލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އެ ޕްރޮގްރާމް ކުރިއަށްދާނީ ތިއަރީ ސެޝަންތަކަކާއި، ޢަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާލެވިގެން ކަމަށާއި، ޢަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނީ ފިޝަރީޒް މިނިސްޓްރީއިން ލޭނު އެޅުމަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އުޅަނދުގައި ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނާ ގޮތުގައި އެ ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ ޢަމަލީ ތަޖްރިބާ ފޯރުކޮށްދީ ރާއްޖޭގައި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ކުރެވޭ ލޭނު މަސްވެރިކަމަށް ދިވެހި ޒުވާން މަސްވެރިންނަށް ފުރުސަތު ހޯދައިދީ، ލޭނު އެޅުމަށް ބޭނުން ކުރާ އާލާތްތަކަށާއި އަހުލުވެރިކޮށް ލޭނު މަސްވެރިކަމަށް އަހުލުވެރިކުރުވުން ކަމަށެވެ.

ލޭނުމަސްވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ އެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި މަސްވެރިކަމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާ ފަރާތެއް ކަމުގައިވުން ނުވަތަ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތެއް ކަމުގައިވުން އަދި އުމުރުން 18 އަހަރުވެފައިވުން ހިމެނެއެވެ. ނަމަވެސް އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ބެލެނިވެރިންގެ ހުއްދައާއިއެކު އެ ތަމްރީންގައި ބައިވެރިވެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަން ޖެހޭނީ 02 އޭޕްރިލް 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިންނެވެ. ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ ފޮނުވާނީ ފިޝަރީޒް މިނިސްޓްރީ އަށް އަދި ކައުންސިލް އިދާރާތަކަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އަދި އީމެއިލް މެދުވެރިކޮށްނަމަ ސިޓީ ފޮނުވާނީ [email protected] ނުވަތަ [email protected] އަށެވެ.