English Edition
Dhivehi Edition
ރައީސް ޞާލިޙް، 11 ފެބްރުވަރީ 2020ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި - ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އޮޅުންފިލުއްވައި، އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިރުޝާދު ކަމާބެހޭ ފަރާތްތަކަށް އިއްޔެ ދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އިއްޔެ އެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ކަމާބެހޭ އިދާރާތަކުގެ ވެރިންގެ އިތުރުން ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން މިހާރު ދުނިޔެއަށް ފެތުރެމުންދާ މިންވަރާއި، މި ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި، މި ވައިރަސްގެ އަސަރުކޮށްފައިވާ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރުމަށް އެކުލަވާލާފައިވާ ޕްލޭންތަކާއި ތައްޔާރީތަކުގެ އެންމެފަހުގެ މަޢުލޫމާތުތައްވެސް ރައީސް ޞާލިޙު އޮޅުންފިލުއްވިއެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައިވެސް ރައީސް ޞާލިޙު ވަނީ ކޮވިޑް-19 ވައިރަސްއާއި ގުޅިގެން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމާއި، ވަކީން ޚާއްޞަކޮށް މި ވައިރަސްގެ ނުރައްކަލުން ރައްކާތެރިވުމުގެ ގޮތުން ސަމާލުކަންދޭންވީ ކަންކަމުގެ މަޢުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގެ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ.