English Edition
Dhivehi Edition
ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި "ހިޔާ" ފްލެޓްތައް - ފޮޓޯ: ފަޔާޒު މޫސާ (ސަން)

ސަރުކާރުގެ “ގެދޮރުވެރިކުރުން” މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 704 ފްލެޓްތައް އިންޝުއަރކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ހައުސިންގ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ފްލެޓްތައް އިންޝުއަރކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

ހައުސިންގ މިނިސްޓްރީން ބުނީ އެ މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެ މިނިސްޓްރީ އަށް ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރެއްވުމަށް އެދޭ ކަމަށާއި، ބިޑް ހުށަހެޅުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ކަމަށެވެ.

އެ މަސައްކަތަށް ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރކުރުން އޮންނާނީ މިއަދު ހެނދުނު 8:30 އިން މާދަމާ މެންދުރުފަހު 12:45 އާއި ހަމައަށް އެ މިނިސްޓްރީގެ ރިސެޕްޝަނުންނެވެ. އަދި އެ މަސައްކަތުގެ ޕްރީ ބިޑް ބައްދަލުވުން މާދަމާ 13:00 ގައި ހައުސިންގ މިނިސްޓްރީގެ މީޓިންގ ރޫމް 04 ގައި އޮންނާނެ ކަމަށާއި، ބިޑް ހުށަހެޅުން އޮންނާނީ މާޗު 11 ވަނަ ދުވަހު 13:15 ގައި އެ މިނިސްޓްރީގައި ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެ މަސައްކަތަށް ހުށަހަޅުއްވާ ޖުމްލަ އަގު 250,000/- (ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، އެ މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000ރ. ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެ ކަމަށާއި، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަސް ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ޗައިނާ ސަރުކާރުގެ ލުއި ލޯނެއްގެ ދަށުން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންއާ (ސީއެމްއީސީ) އާ ހަވާލުކޮށްގެން އެޅި އެ 704 ފްލެޓްގައި މީހުން ދިރިއުޅެން ފެށީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އެ ފްލެޓްތަކަކީ ތިން ކޮޓަރިއާއެކު އެޓޭޗްޑް ފާޚާނާ ހިމެނޭ ފްލެޓްތަކެކެވެ.