English Edition
Dhivehi Edition

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން ސްކޫލުތަކުގެ އިތުރު ހަރަކާތްތައް މެދުކަނޑާލަން އަންގައިފި އެވެ.

އިތުރު ހަރަކާތްތައް މެދުކަނޑާލަން ސްކޫލުތަކަށް އަންގާފައިވަނީ މިއަދުން ފެށިގެން އަންނަ މެއި މަހުގެ 20ވަނަ ދުވަހާއި ހަމައަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވާ ސްކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ވަނީ ނުރައްކާތެރި ކޮވިޑް-19 ރާއްޖެއަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެހެންކަމުން ބަލިތަކުން ދަރިވަރުން ރައްކާތެރި ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާކަމަށެވެ. މި ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަރިކިޔުލަމުން ބޭރުން ދަރިވަރުންނަށް ހިންގާ އިތުރު ހަރަކާތްތައް މިވަގުތަށް މަޑުޖައްސާލަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަނުގެ ސާކިއުލާގައި ބަނެފައިވެއެވެ. މީގެ އިތުރުން ހިމަބިހިވެސް ރާއްޖޭގައި ފެތުރެމުންދާއިރު، ސްކޫލުތަކުގެ ބައެއް ދަރިވަރުންނަށްވެސް މި ބަލި ޖެހިފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އިތުރު ހަރާކާތްތައް މަޑުޖައްސާލި ސަބަބުތަކުގެ ތެރޭގައި ހިމަ ބިހި ކޮންޓްރޯލްކުރުންވެސް ހިމެނޭކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރުން އެކުލަވާލާފައިވާ ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ލަފާގެ މަތިން ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ކުރިޔަށް ގެންދާނެ ގޮތްތައް ސްކޫލުތަކަށް އަންގަމުން ގެންދާނެ ކަމަށާއި އަދި މި ވައިރަސްގެ ސަބަބުން ސްކޫލްތައް ބަންދުކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަންވެސް ކުރާނެކަމަށެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 2976 އަށް އަރައިފައިވާއިރު ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު ވަނީ 86500 އަށް އަރާފައެވެ.