English Edition
Dhivehi Edition

ނޯޓް: މިއީ އަމިއްލަ ދިރިއުޅުމުގައި ދިމާވާ ޙާދިސާތަކުން އަރައި ނުގަނެވި އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތެއްގެ އަމިއްލަ ޙަޔާތުގެ   މައްޗަށް ބިނާކޮށް ލިޔެފައިވާ ޙަޤީޤީ ވާހަކައެކެވެ.  މި ޙާދިސާއިން އަރައިގަތުމުގައި ކިއުންތެރިންގެ ޚިޔާލާއި މަޝްވަރާ އަށް އެފަރާތުން އެދެއެވެ.

އަހަރެންނަކީ ޢުމުރުން 32 އަހަރުގެ އަންހެނަކީމެވެ. ދިރިއުޅުމުގައި ހިތި ތަޖްރިބާ ތަކެއް ކުރެވި މާޔޫސްވެ ގޮތް ހުސްވެފައިވާ މީހަކީމެވެ. މާޒީގެ އަނދިރި ޞަފްޙާތައް ވަނީ މުޅިމީހާ ވަށާލާފައެވެ.

އަހަރެންވެސް ޢުމުރުން 20 އަހަރުގައި އަލަތު ކައިވެނި ކުރީމެވެ. މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުން އިންތިހާއަށް ލިބިގެންނެވެ. މައިންބަފައިންގެ ގޭގައި އުފަލާއި މަޖަލުގައި ފުރިހަމަ 6 މަސް ދުވަހު އުޅެނިކޮށް ލޯބިވާ މަންމަ މިދުނިޔެއަށް އަލްވަދާޢު ކިޔައިފިއެވެ. އެބަނަ މޫސުން އަހަރެން ކަޑައްތު ކުރީ ވޭނާއި ކެކުޅުމާއި ގިސްލުމުގެ ތެރޭގައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މަންމަގެ ޙަޔާތުގެ ނިމުމާއެކު ގެއްލިދިޔައީ އަހަރެންގެ ފުރާނައިގެ އެއްބައެވެ. އެއީ އަހަރެންގެ ހުރިހާ އިޙްސާސްތަކެއް ޙިއްސާ ކުރާ އަހަރެންގެ ޙަޔާތުގެ ހުޅުކޮޅެވެ. އަހަރެންގެ މަންމައާއި ބައްޕަގެ އަހަރެން ފިޔަވައި އިތުރު ދަރިއަކު ނެތެވެ. ކޮއްކޮ ނޫނީ ދައްތަ ކިޔާ ގޮވާލާނޭ މީހަކު ނެތްކަމުގެ ފަޅުކަން އަބަދުވެސް ހިތަށް ވެރި ކުރުވައެވެ.

ޙަޔާތަށް މިއައި ކުއްލި ސިހުމާއެކު އަހަރެން މަސައްކަތް ކުރީ ފިރިމީހާއާއި އެކު އަހަރެންގެ ޙަޔާތަށް އާރޯކަން ގެނެވޭތޯއެވެ. ފިރިމީހާގެ އޯގާތެރިކަމާއި ހެޔޮކަން އޭރު އަހަރެންނަށް ފުރިހަމައަށް ލިބެއެވެ. ކައިވެންޏަށް ދޮޅު އަހަރުވީއިރު އަހަރެމެންނަށް ދަރިއަކު ލިބިއްޖެއެވެ.

އަހަރެމެން ދިރިއުޅެމުން އަންނަނީ އަހަރެންގެ މައިފުނަ ގޭގައެވެ. ހުރި ހަމައެކަނި ބައްޕައާއި އެކުގައެވެ. ފިރިމީހާ ސަލީމް(އަސްލުނަމެއްނޫން) ވަޒީފާ އަދާކޮށްގެން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ހުރިހާ ފަހަރެއްގައި އެހީވާން ހުންނަނީ ބައްޕައެވެ. މަހު މުސާރައެއް ލިބުނަސް ސަލީމްގެ ޢާއިލީ އެކި ކަންކަމަށް ބުރޫ އެރުމުން ސަލީމަށް ޖެހެނީ ޚަރަދު ކުރާށެވެ. މިއިން ކަމަކާ އަހަރެން އަޅައެއް ނުލަމެވެ. ދަރިފުޅާއި އަހަރެމެންގެ ޚަރަދުތަކަށް ލިބޭ އެއްޗެއް ދެކޮޅު ޖައްސާލައިގެން އުޅެނީއެވެ.

ސަލީމަކީ ދީނަށް ލޯބި ކުރާ މަޑުމައިތިރި މީހެކެވެ. ހުރިހާ އެއްޗަކަށް ވުރެ އަހަންނަށް އެކަމުގެ އަގު މާބޮޑެވެ. ދަރިފުޅަށް 3 އަހަރުވީއިރު ސަލީމަށް ގެއަށް ގެންނަން ލިބޭ އެތިކޮޅު ވަރަށް މަދުވެ ޝައްކު އުފެދޭ ހިސާބަށް ގޮސްފިއެވެ. ސަރުކާރު ވަޒީފާއެއްގައި އުޅެމުން 3000 ވަރު ގެއަށް ނުގެނެވޭތީ އެވާ ގޮތެއް ނޭނގި އަހަރެންގެ ސުވާލު ގިނަވާން ފެށިއެވެ. އޭގެ ޖަވާބަކަށް ވަނީ ސިނގިރޭޓްބޮއެފަ ކޮފީ ބޮއެފަ ގޭ މީހުނަށް ދީފަ ބާކީ ވާ ވަރު ކަމަށެވެ. އެހެނަސް މިއީ ގަބޫލު ކުރެވޭ ވަރު ކަމަކަށް ނުވިއެވެ. މިހުރިހާ ކަމަކާއެކުވެސް ބައްޕަގެ އެހީތެރިކަމާއެކު ދިރިއުޅުން ހަމަޖައްސަމުން ދަނިކޮށް އެހެރަ އިވެން ފެށީ ބޮޑެތި އަޑު ތަކެވެ. ސަލީމް ސީރިއާއަށް މީހުން ރެކްރޫޓު ކުރަނީއެވެ. އޭނާގެ އިތުރު އަންބަކާއި ދަރިއަކުވެސް ހުރި ވާހަކައެވެ.

މިކަމާ ސުވާލު ކުރުމުން ލިބުނީ ވަރަށް ކުރު ޖަވާބެކެވެ، ” ތިއީ މައްސަލައެއް ނޫން. ފިރިހެނުންނަށް 4 އަނބި ހުއްދަ ކަން ޤަބޫލު ނުކުރަންތަ؟ ”

މިއީ އަހަރެންގެ ޙަޔާތެވެ. މި ލިބުނު ހިތްދަތި ޚަބަރުން އަރައި ނުގަނެވިގެން އުޅެނިކޮށް ބައްޕަ ބަލި ވެއްޖެއެވެ. ސްޓްރޯކެއް ޖެހި ތާއަބަދު ބަލި ދާނުގައި އޮންނަން ޖެހިއްޖެއެވެ.

ފިރިމީހާގެ މި އުޅުމަށް އަހަރެން ކެތްތެރިވީމެވެ. ނަސޭޙަތް ދިނީމެވެ. އެހެނަސް އެކަންވީ ފޫނެތްފާއަކަށް ފެން ފުރުން ފަދަ ކަމަކަށެވެ.

މިއަދުވެސް އަހަރެން ތަޙައްމަލު ކުރަނީ އެ ހިތްދަތި ކަމެވެ. ބަދަލެއް ނާދެއެވެ. އެހެނަސް މިހާރު އަހަރެން މިވަނީ ނަފްސާނީ ގޮތުން ބަލިވެފައެވެ. އުފާ އެބަސް އެއީ އަހަރެންގެ ރަދީފުގައި ނެތް އެއްޗެކެވެ. ގޮތް ހުސްވެފައިވާ އަހަރެންކަހަލަ އަންހެނުންނަށް މިނޫން ގޮތެއް ނެތީ ބާވައެވެ.