English Edition
Dhivehi Edition

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް ތައިލެންޑުން މީހަކު މަރުވެއްޖެ އެވެ.

ތައިލެންޑްގެ ޕަބްލިކް ހެލްތު މިނިސްޓްރީން ބުނީ އެޤައުމުން ވައިރަސް ޖެހިގެން މަރުވީ 35 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މިނިސްޓްރީން ބުނީ 35 އަހަރުގެ އެ މީހާ މަރުވީ އެތެރެހަށީގެ ގުނަވަންތައް ފެއިލް ވެގެން ކަމަށެވެ.

ތައިލެންޑުން ކޮވިޑް-19 ޖެހިގެން މިހާތަނަށް 42 މީހަކަށް ފަރުވާދޭން ވަނީ ފަށައިފަ އެވެ.

ތައިލެންޑުގެ އޮފިޝަލުން ބުނީ އެ ޤައުމުން މަރުވި މީހާއަށް ވައިރަސް ޖެހިގެން ޖަނަވަރީ މަހުން ފެށިގެން ފަރުވާދެމުން ގެންދިޔަ ކަމަށެވެ. އޭނާގެ ހާލު ރަނގަޅުވަމުން އައުމަށްފަހު ކުއްލިއަކަށް އޭނާގެ ހާލު ސީރިޔަސް ވާން ފެށީކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ. އަދި މިހެން ދިމާވީ އޭނާއަށް ކުރިން ދިމާވެފައި ހުރި ސިއްހީ މައްސަލައެއްގެ ސަބަބުން ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ތައިލެންޑުން ވައިރަސް ޖެހިގެން ފުރަތަމަ ފަހަރަށް މަރުވި މީހާއަކީ އެ ޤައުމުގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި އުޅުނު މީހެކެވެ. އޭނާއަށް ވައިރަސް ޖެހުނީ ޗައިނާ ފަތުރުވެރިއެއްގެ ގައިންނެވެ. ތައިލެންޑުގައި ވައިރަސް ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން 2 މީހެއްގެ ހާލު މިހާރުވެސް ސީރިޔަސް ކަމަށް އެ ޤައުމުގެ އޮފިޝަލުން މައުލޫމާތު ދެއެވެ.

ތައިލެންޑުގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 30 މީހުން ފަރުވާއަށްފަހު ދޫކޮށްލާފައި ވާއިރު މިހާރު އެ ޤައުމުގެ ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ދަނީ 11 މީހަކަށެވެ.