English Edition
Dhivehi Edition

ކޮވިޑް-19 ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން، ފުރަތަމަ ފަހަރަށް ރާއްޖޭގައި މީހަކު ކޮރޯނާވައިރަސްގެ ޓެސްޓް ހަދައިފި އެވެ.

ރޭ ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ކޮރޯނާވައިރަސް ރާއްޖޭގައި ނޫޅޭކަން ކަށަވަރުކުރުމުގެ ގޮތުން އެ ބަލި ފެތުރެމުންދާ ގައުމަކަށް ނުދާ މީހުންގެ ތެރެއިންވެސް އަރިދަފުސް ރޯގާ އާއި ނިއުމޯނިއާ ޖެހި ސީރިއަސް ހާލަތަކަށް ދާ މީހުން ޓެސްޓުކުރަން ނިންމާފައިވާ ކަމަށެވެ. މި ގޮތުން ހެލްތް މިނިސްޓްރީން ބުނީ އައިޖީއެމްއެޗްގައި ނިއުމޯނިއާއަށް ފަރުވާ ހޯދަމުން ދިޔަ މީހަކު، މިއަދު ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާކަމަށާއި، ޓެސްޓުކުރި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ނުވާކަމަށެވެ.

ކޮވިޑް19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ރާއްޖޭގައި ހަމަޖެއްސުމަށް ޑަބްލިއުއެޗްއޯއިންވަނީ މި މަހުގެ ކުރީކޮޅު ކޮވިޑް-19 އަށް ޓެސްޓުކުރެވޭ ޓެސްޓުކިޓްތަކެއް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ މި ވައިރަސް އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވާއިރު  އެ ބަލި ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި ވެސް އަމަލު ކުރާނެ އުސޫލުތައް އެކުލަވާލައިވާކަމަށާއި އެކަމަށް ތައްޔާރަށް އޮތް ކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.