English Edition
Dhivehi Edition
ކުޑަކުއްޖެއް - ފޮޓޯ: އެންޑީޓީވީ

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ސިޓީއެއް ކަމުގައިވާ ޝިއޮޕޫރްގައި އަންހެނަކު، އެއްމާބަނޑު ހަ ކުދިން ވިހައިފި އެވެ. އޭނާ ވިހާފައި ވަނީ ހަތަރު ފިރިހެން ކުދިންނާއި ދެ އަންހެން ކުދިންނެވެ.

ނަމަވެސް އޭގެ ތެރެއިން ދެ އަންހެން ކުދިން ވަނީ އުފަންވުމާއެކު މަރުވެފަ އެވެ. ބާކީ ތިބި ހަތަރު ފިރިހެން ކުދިންނަށް މިހާރު ދަނީ ސިކް ނިއުބޯންސް ކެއަރ ޔުނިޓް (އެސްއެންސީޔޫ)ގައި ފަރުވާ ދެމުންނެވެ.

އެ ހޮސްޕިޓަލާއި ހަވާލާދީ “ޓައިމްސް އޮފް އިންޑިއާ” އިން ރިޕޯޓްކުރާ ގޮތުގައި އެއްމާބަނޑު ހަ ކުދިން އެ އަންހެން މީހާއަށް ލިބުމުން ހޮސްޕިޓަލުގެ މުވައްޒަފުންނާއި ދެމަފިރިންވެސް ތިބީ ހައިރާންވެފަ އެވެ. ނަމަވެސް އޭގެ ތެރެއިން ދެކުދިން މަރުވި ޚަބަރު މަންމަ ގާތު އަދި ނުބުނެއެވެ.

އުމުރުން 22 އަހަރުގެ މޫރްތީ މާލީ ކައިވެނި ކޮށްގެން އުޅެނީ ބަރޯޑާ ވިލެޖުގައި މަސައްކަތްކުރާ ލޭބަރާއަކާއެވެ. މިއީ އޭނާ އަށް ކުއްޖަކު ލިބުނު ފުރަތަމަ ފަހަރެވެ.

ހޮސްޕިޓަލުގެ ސިވިލް ސަރޖަން ޑރ. އާރްބީ ގޯޔަލް ވިދާޅުވީ ސަލާމަތްވި ހަތަރު ކުދިންގެ ބަރުދަނުގައި 500 ގްރާމާއި 790 ގްރާމާއި ދެމެދު ހުރި ކަމަށެވެ. އަދި އެ ހަ ކުދިންގެ ޖުމްލަ ބަރުދަނުގައި ހުރީ 3.65 ކިލޯގްރާމް ކަމަށާއި، މަރުވި ދެ ކުދިންގެ ތެރެއިން ކޮންމެ ކުއްޖެއްގެ ބަރުދަނުގައި ހުރީ 350-400 ގްރާމް ކަމަށެވެ.

އޭނާ ބުނީ ޓްވިންސް (އެއްމާބަނޑު ދެކުދިން) ނުވަތަ ޓްރިޕްލެޓްސް (އެއްމާބަނޑު ތިން ކުދިން) ވިހެއުމަކީ އާންމު ކަމެއް ކަމަށާއި، ނަމަވެސް ސެކްސްޓަޕްލެޓްސް (އެއްމާބަނޑު ހަ ކުދިން) ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

ޓެގު