English Edition
Dhivehi Edition
މީރާގެ ބޭފުޅުން މިއަދު ހައި ކޯޓުގެ ފަނޑިޔާރުންނާއި ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ (ހައި ކޯޓު)

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނާއި ބެހޭގޮތުން ހައި ކޯޓުގެ ފަނޑިޔާރުންނަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަޢުލޫމާތު ދެއްވައިފި އެވެ.

ހައި ކޯޓުން ބުނީ އެ ކޯޓުގެ ފަނޑީޔާރުންނާއެކު މީރާގެ ބޭފުޅުން މިއަދު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގެ ބޭނުމަކީ، އަންނަ އޭޕްރީލް މަހު ނެގުމަށްހަމަޖެހިފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނާއި ބެހޭގޮތުން ފަނޑިޔާރުންނަށް މަޢުލޫމާތު ދެއްވުން ކަމަށްވެސް ހައި ކޯޓުން ބުނެފައި ވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގައި އޮތް މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު ޢުޘްމާން، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު،ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ރައޫފު އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން މަޢުލޫމާތު ދެއްވީ ޑިރެކްޓަރ ޖެނެރަލް، މޫސާ ޙަލީމާއި ޑިރެކްޓަރ، ޔޫސުފް ޝިރާޒްއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން 60،000ރ. އާއި 100،000ރ. އާއި ދެމެދުގެ އާމްދަނީޢެއް ލިބޭ ކޮންމެ ފަރާތެއްގެ އަތުން 5.5% ޓެކުހުގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާއިރު، 100،000ރ. އާއި 150،000ރ. އާއި ދެމެދުގެ އާމްދަނީއެއް ލިބޭ ކޮންމެ މީހެއްގެ އަތުން ޓެކުހުގެ ގޮތުގައި 8% ނަގާނެ އެވެ.