English Edition
Dhivehi Edition
އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް - ފޮޓޯ: އަވަސް

ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖުތަމަޢުގެ އަމަންއަމާންކަން ނަގާލުމަށް ދެކެވޭ ވާހަކަތައް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކަކީ އެ ޕާޓީގެ ބުރަ މަސައްކަތުން ޤާނޫނު އަސާސީގައި ހިމެނިފައިވާ ޙައްޤުތަކެއް ކަމަށާއި، އެ ޕާޓީއަކީ އެޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ކެނޑިނޭޅި ވަކާލާތު ކުރާ ޕާޓީއެއް ކަމަށެވެ.

އެގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަކީ އެންމެ އަސާސީ އެއް ޙައްޤު ކަމަށާއި، ނަމަވެސް އެހެން ޙައްޤުތަކެކޭ އެއްފަދައިން އެޙައްޤުވެސް ބޭނުން ކުރެވޭނޭ ހުދޫދުތަކެއްވާ ކަމަށެވެ. ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމަޢު ބައިބައިކޮށް ފިތުނަ ކުރުމަށް ވާހަކަދެއްކުން (hate speech) އެއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ހުއްދަކުރާ ކަމެއް ނޫން ކަމަށާއި، އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ވެސް ނޫން ކަމަށް އެމްޑީޕީން ބުނެއެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ މިފަހަކަށްއައިސް، މުޖުތަމަޢުގެ އެއްބައެއް އަނެއްބަޔަކާމެދު ރުޅިވެރިކަމާއި ނަފްރަތު އުފައްދައި މުޖުތަމައުގައި ފިތުނަވެރިކަން އުފައްދައި ރައްޔިތުން ބައިބައި ކުރުމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށާއި، އެކަން ޙާޞިލުކުރުމަށްޓަކައި އެފަރާތްތަކުން ދެ މައުޟޫއެއްގައި ވާހަކަ ދައްކާ ކަމަށެވެ.

އެގޮތުން އޭގެ ތެރެއިން އެއް މައުޟޫޢަކީ، ފަރުދުންގެ މެދުގައި ދީނީ ގޮތުން ޚިޔާލުތަފާތުވާ ވަގުތުތަކުގައި އެފަރާތްތަކާ ޚިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާމެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތަކެއް ކަމަށާއި، އެކަން ކުރުމުގައި އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާނު ދޮގު ހަދަމުންދާ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

“އޭގެ އެއް މިސާލަކީ، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަރކްޝޮޕެއް ބޭއްވުމަށް ރާއްޖެ އައި ފައުންޑޭޝަނެއްގެ މީހަކު ހދ. ހަނިމާދޫގައި ދެއްކި ވާހަކައާ ގުޅުވައިގެން ފަތުރަމުން ދިޔަ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެވެ.”، އެ ބަޔާނުގައި ވެއެވެ.

އެމްޑީޕީން ބުނީ ދީނީ ގޮތުން ޚިލާފު އުފެދޭ ކަންކަމާއި، މައްސަލަތަކުގައި ތިމާ ޤަބޫލުކުރާ ގޮތް ނޫން އެހެން ރަޢުޔަކަށް ބުރަވާ މީހުންނީ “ލާދީނީ” މީހުންކަމުގައި ލޭބަލްކޮށް އެމީސްމީހުނާމެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖުތަމަޢު ފިތުނަ ކުރުމަކީ ޤަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށެވެ. އޭގެ ސަބަބުން، ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުހަނު ބޮޑެތި ގެއްލުންވެ، ފުރާނައަށް ނުރައްކާވާ ދަރަޖައަށް ކަންކަން ވަނީ ގޮސްފައެވެ. ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި، ހަނގުރާމަވެރި ޖަމާޢަތްތަކާ ގުޅިފައިވާ ދިވެހީންނާއި އެމީސް މީހުންގެ ޢައިލާތައް އަނބުރާ މުޖްތަމަޢުތެރެއަށް ގެނައުމުގައި އެމީސްމީހުން ރީހެބިލިޓޭޓް ކުރުމަކީ ސަރުކާރުން ހިންގާންޖެހިފައިވާ މުހިއްމު އަދި އެހާމެ ބޮޑު މަސައްކަތެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

“ސަރުކާރުން އެމަސައްކަތް ކުރަމުންދާއިރު، އެމަސައްކަތަށް ގަސްދުގައި ހުރަސްއަޅައި އެމަސައްކަތް ހިންގިޔަ ނުދީ، އެމަސައްކަތް ފެއިލް ކޮށްލުމަށްޓަކައި އެއްވެސް ޢަޞްލެއް ނެތް ވާހަކަތަކާއި ބުހުތާނު ދޮގުވާހަކަތައް ފަތުރައި މުޖްތަމަޢު ފިތުނަ ކުރުމަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަން ފާހަގަކުރަމެވެ. މިޕާޓީން ޤަބޫލުކުރާ ގޮތުގައި އެފަރާތްތަކުން އެކަންކަން ކުރަމުން އެގެންދަނީ ހީލަތްތެރި ވިސްނުމެއްގައި ރޭވުންތެރިކަމާއެކު ސަރުކާރުގެ އެ މަސައްކަތް ފެއިލްކޮށްލުމަށެވެ. ދީނީ ހަރުކަށި ވިސްނުމާއި ހަނގުރާމަވެރި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވާލުމަށެވެ.”، އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެމްޑީޕީން ބުނާ ގޮތުގައި މުޖުތަމަޢު ބައިބައިކޮށް، ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދައި ފިތުނަ ކުރުމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ދެވަނަ މަޢުޟޫއަކީ، މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނާ ދެމެދު ރުޅިވެރިކަމާއި، ނަފްރަތު އުފެދޭ ގޮތަށް ދައްކަމުންދާ ވާހަކަތައް ކަމަށާއި، އެއީ އެއްބަޔަކު އަނެއް ބަޔަކާ މެދު ފިތުނަވެރި ކުރުމަށް ކުރާ މަސައްކަތެކެއް ކަމަށެވެ.

“މިފަދަ ރުޅިވެރިކަން ގެނުވާ ފަދަ ނަފްރަތު އުފައްދާ ވާހަކަތައް (hate speech) އެކިއެކި ފަރާތްތަކުން ދައްކަމުން ގެންދާކަމީ މިޕާޓީ ކަންބޮޑުވާ ކަމެކެވެ. މިފަދަ ވާހަކަތަކަށް ދައުލަތުން އަޅާނުލެވިއްޖެނަމަ ޤައުމުގައި ބައިބައިވުން އިތުރުވެ، ޤައުމުގެ އަމަންއަމާންކަމާއި، ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާވާ ދަރަޖައަށް ކަންކަން ދިޔުމުގެ ފުރުޞަތު އިންތިހާއަށް ބޮޑެވެ.”، އެ ބަޔާނުގައި ވެއެވެ.

އެމްޑީޕީން ވަނީ ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމަޢުގެ އަމަންއަމާންކަން ނަގާލާ މޭރުމުން ވާހަކަދައްކާ ފަރުދުންނާއި، ސޯޝަލް މީޑިޔާގައި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ސީރިއަސް އަދި އަވަސް މައްސަލަތަކެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބެލުމަށް އިލްތިމާސްވެސް ކޮށްފައެވެ.

ޓެގު