English Edition
Dhivehi Edition

އަވައްޓެރި އިންޑިޔާގެ ކަރެންސީގެ އަގު ވަރަށް ބޮޑަށް ދަށަށް ވެއްޓިއްޖެ އެވެ.

އިންޑިޔާގައި ބޭނުންކުރާ ފައިސާގެ އަގު ވެއްޓެން ދިމާވި އެއް ސަބަބަކަށް ވެފައި ވަނީ މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން ބައިނަލްއަގުވާމީ މާލީ ބާޒާރަށް އަރަމުންދާ ލޮޅުންތަކުގެ ސަބަބުންނެވެ.

ފައިސާ ގަނެ ވިއްކުމުގެ އަގުތަކަށް ބަލާއިރު އިންޑިޔާގައި ބޭނުންކުރާ އެ ޤައުމުގެ ކަރެންސީ، ރުޕީސްގެ އަގު މިވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. އެގޮތުން އިންޑިޔަން ފައިސާއިން ޑޮލަރު ގަންނަން މިހާރު ލިބޭ ރޭޓު އުޅެނީ 72.29 “ރުޕީޒް” އަށެވެ. އެ ޤައުމުގެ ރުޕީސްގެ އަގު މިވަރަށް ވެއްޓިފައިވާއިރު މިއީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފަހުން އިންޑިޔަން ރުޕީސްގެ އަގު މިހާދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ އިންޑިޔަން ރުޕީސްގެ އަގު ވެއްޓެން ދިމާވި އަނެއް ސަބަބަކީ އެ ޤައުމުގައި ހަރަކާތްތެރިވާ ބައެއް އިންވެސްޓަރުން އެމީހުންގެ ޝެއަރ(އިކުއިޓީ) ވިއްކަން ފެށުމުންނެވެ.

ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށްވެސް އަންނަނީ ހީނަރުކަން އަންނަމުންނެވެ. ސަބަބަކީ ވައިރަސް ފެތުރޭ ޤައުމުތަކުގެ ތެރޭގައި ދުނިޔޭގެ ބާޒާރަށް ތެޔޮ އެންމެ ބޮޑަށް އެކްސްޕޯޓު ކުރާ އަރަބި ޤައުމުތަކުންވެސް ވައިރަސް ފެނުމެވެ. އެ ޤައުމުތަކުން ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދުވެސް އިތުރުވާން ފެށުމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާން ކޮށްފައެވެ.