English Edition
Dhivehi Edition

އެމްޑީޕީގެ ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ދެއްކި ހުވަފެންތައް އަހަރާ އެތައް ދުވަހެއް ވެގެން ދިޔަ އިރު މިވަނީ ބިލާހަކަށް ވެފައިކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމަށް މާލޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބޭއްވި “މީ މަގޭ ރާއްޖެ” ޖަލްސާގާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަން ބަދަލުކުރީ އިދިކޮޅު ފަރާތްތަކުން ވަރަށް ގިނަ ހުވަފެންތަކެއް ދައްކައިގެންކަމަށާއި އެހެން ނަމަވެސް އެބޭފުޅުން ވެރިކަމަށް ވަޑައިގެން އެއް އަހަރާ އެތައް ދުވަހެއް ވެގެން ދިޔަ އިރު، އެ ހުވަފެންތައް ބިލާހަކަށް ވެއްޖެކަމަށެވެ.

“2018 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރީ ބަޔަކު ދިން އުއްމީދުތަކަކާ ހެދި. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖޭގެ އިގުތިސާދު ދަށަށް ގޮސް، ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ މިހާރު މިވަނީ ހުސްވެފައި. ރައްޔިތުންގެ އަތްމަތި ދަތި ވެއްޖެ”  ކަމަށް އަދުރޭ ވިދާޅުވިއެވެ.

“ތިޔަ ބޭފުޅުން ދެއްކެވި ތަސްވީރުގައި ކުލައެއް ނުޖެއްސުނު ” ކަމަށް ވިދާޅުވެ އަދުރޭ ވިދާޅުވީ މިހާ ހިސާބަށް ދިއުމުން، ބަދަލަަކަށް ބޭނުންވާ ކަމާއި ސަރުކާރުން ދެއްކި އެއްވެސް ވާހަކައެއް ހަގީގަތަކަށް ހަދައި ނުދެވުނު ވާހަކަ ބުނަންޖެހޭ ކަމަށެވެ.

ގިނަ އަދަދެއްގެ މެންބަރުންނާ އެކު ޕީޕީއެމްގެ ކައުންސިލް އިންތިހާބަށް ކެމްޕޭން ރަސްމީކޮށް މިރޭ ފެށި އިރު ޕާޓީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.