English Edition
Dhivehi Edition
އިއްޔެ ނ. ވެލިދޫގައި ފެށި ޔޫތު ލީޑާސް ނެޓްވޯކް ފޯރަމްގެ ތެރެއިން - ފޮޓޯ: ހޯމް މިނިސްޓްރީ

ނ. އަތޮޅުގެ 12 ރަށަކުން 80 އަށްވުރެ ގިނަ ޒުވާނުންނާއެކު މި އަހަރުގެ ފުރަތަމަ ޔޫތު ލީޑާސް ނެޓްވޯކް ފޯރަމް ނ. ވެލިދޫގައި ފަށައިފިއެވެ.

އެ ފޯރަމްގެ ސެޝަންތައް އިއްޔެ މެންދުރުފަހު ފެށި ނަމަވެސް ފެށުމުގެ ޙާއްޞަ ރަސްމިއްޔާތު ބޭއްވީ ރޭ ނ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް މުޙައްމަދު މާހިރު އީސާއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ އިސްލާމީ ރިވެތި އުޞޫލުތަކުގެ ދަށުން ތަރުބިއްޔަތުވެ ޒުވާނުން ކުރިއަށް ނިކުންނަން ޖެހޭ ކަމަށެވެ. ދިވެހިންނަކީ ދަތި ހާލުގައިވެސް ނުގުޑާ ހިތްވަރާއެކު އެތަދިތަކާ ކުރިމަތިލާ ބައެއްކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިއަދު ޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް އެހިތްވަރާއި އަޒުމް ޒުވާނުން ދައްކަން ޖެހޭކަމަށެވެ. އިސްލާމީ އުޞޫލުތަކުގައި ތިބެ، ލީޑަރުންނަށް ވުމަށް މުހިއްމު ސިފަތައް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއާއި ދުނިޔެއިން ލީޑަރުންގެ މިސާލު ނަންގަވާ ޒުވާނުން ރަނގަޅު ލީޑަރުންނަށް ވުމަށް ހިތްވަރުދެއްވިއެވެ.

ހޯމް މިނިސްޓްރީން ބުނީ މި ފަހަރުގެ ފޯރަމްގައި މައިގަނޑު ފަސް ސެޝަނެއް ހިމެނޭ ކަމަށާއި، އޭގެ އިތުރުން ޔޫތު ލީޑާސް ނެޓްވޯކް ތަޢާރަފްކުރުމާއި، ޕަބްލިކް އެންގޭޖްމަންޓް އެކްޓިވިޓީ ހިމެނޭ ކަމަށެވެ.

އަދި އެ ފޯރަމްގެ ސެޝަންތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚާއްޞަ ސެޝަނަކާއި، ނޭޝަނަލް ޑްރަގް އެޖެންސީގެ ސެޝަނަކާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ސެޝަނަކާއި، ހޯމް މިނިސްޓްރީގެ ސެޝަނެއްގެ އިތުރުން ބަހާއި، ތާރީޚާއި، ޘަޤާފަތަށް ޚާއްޞަ ސެޝަނެއް ހިމެނޭ ކަމަށާއި، ފޯރަމް ކުރިއަށްގެންދަނީ “ހަރުދަނާ ޒުވާނުން- މުޖުތަމަޢުގެ ކުރިއެރުން ” މިޝިޢާރުގެ ދަށުން ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ފޯރަމަކީ ޔޫތު ލީޑާސް ނެޓްވޯކުން ކުރިއަށްގެންދާ މިފަދަ ފަސްވަނަ ފޯރަމެވެ. ޒުވާން ޤާބިލް ލީޑަރުންގެ އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި ފޯރަމް މިދިޔަ އަހަރު ވަނީ ހަތަރު ޞަރަހައްދެއްގައި ބާއްވާފައެވެ.