English Edition
Dhivehi Edition

އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ސްޓެލްކޯ ޖޫރިމަނާކޮށްފައި ވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ އިހުމާލު އޮތް ކަމެއްގައި ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

އީޕީއޭ އިން ސްޓެލްކޯ ޖޫރިމަނާ ކުރުމާއި ގުޅިގެން ސްޓެލްކޯއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިނިސްޓްރީން ކުރަން ޖެހޭ ކަމެއްގެ ޒިންމާ އެ ކުންފުނިން ނަގަން ނުޖެހޭނެ ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު އީޕީއޭ އިން ސްޓެލްކޯ 5000 ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވަނީ ކ. ހިންމަފުއްޓާއި ކ. ތުލުސްދޫގައި ނަރުދަމާގެ ކަންކަން ހިންގުމަށް ސްޓެލްކޯއަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޮޕަރޭޓިން ލައިސެންސް ދިނުމަށްފަހު އެ ދުވަހާއި ހަމައަށް އެ ދެރަށުގައި ނަރުދަމާގެ ހިދުމަތް ދޭން ފަށާފައި ނުވާތީ ކަމަށް އީޕީއޭ އިން ބުނެއެވެ.

އެކަމާއި ގުޅިގެން ސްޓެލްކޯއިން ނެރުނު ނޫސްބަޔާނުގައި ބުނީ ހިންމަފުއްޓާއި ތުލުސްދޫގެ ނަރުދަމާގެ މަސައްކަތާ މެދު އިއުތިރާޒެއް އޮތްނަމަ އަންގަން އޮތް މުއްދަތުގައި އެކަމުގައި ހުރި ދަތިތައް ސްޓެލްކޯއިން މިނިސްޓްރީއަށް ރަސްމީކޮށް އަންގާފައިވާނެ ކަމަށެވެ. އަދި ތުލުސްދޫ އާއި ހިންމަފުށީގެ ނަރުދަމާގެ މަސައްކަތް ފުރިހަމަކޮށްފައި ނުވާކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ އެކަމުގައި އެ ކުންފުންޏަށް ހުރި ދަތިތައް މިނިސްޓްރީއާއި ރަސްމީ ސިފައެއްގައި ހިއްސާކޮށްފައި ވާނެ ކަމަށެވެ.