English Edition
Dhivehi Edition

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތަކުން 33 އިންސައްތަ ގޮނޑި އަންހެނުންނަށް ހާއްސަކުރުން ވެގެން ދިޔައީ ސިޔާސީ ދާއިރާއަށް ނިކުންނަން ތިބި ގިނަ އަންހެންކަނބަލުން ނަށް ލިބިގެން ދިޔަ އިތުރު ހިތްވަރަކަށެވެ. ރާއްޖޭގައި އިންތިޚާބީ މަގާމުތަކެއް އަންހެނުންނަށް ޚާއްޞަކޮށް ގާނޫނުގައި އެކަން ކަނޑައެޅި، ރަށްރަށާއި ސިޓީ ކައުންސިލްތައް ހިނގަނީ އަންހެނުންގެ ދައުރު ރައްކާތެރިކުރެވި، އަންހެންގެ ބައިވެރިވުމާއި އެކުގައި ކަން ކަށަވަރު ކުރުމަށްޓަކައި ކައުންސިލްތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަން ވާނެކަމަށް ގާނޫނުގައި ލާޒިމް ކުރުމާ ގުޅިގެން ގިނަ ކަނބަލުންނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. ކައުންސިލް ތަކަށް ބޮޑެތި ބާރުތައް ދޭން ގާނޫނުން ނިންމައި ކައުންސިލް ތަކަށް ބޮޑެތި ބާރުތައް ދީ ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ހިދުމަތްތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ދިނުމުގެ އިތުރުން ދައުލަތުގެ ޑޮމެސްޓިކް ބަޖެޓުގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމަށް ކަނޑައެޅުމާއެކު ގިނަ ބަޔަކު ބުނަމުން ދިޔައީ ކައުންސިލްތަކަށް “ކޮންމެ ކޮންމެ މީހަކު” ހޮވުމުގެ ބަދަލުގައި އިލްމީ ގާބިލް، ދޫހެލޭ ކުޅަދާނަ ބޭފުޅުން ކައުންސިލްތަކަށް ހޮވުން މުހިއްމު ކަމަށެވެ. އަންހެން ވިޔަސް ފިރިހެން ވިޔަސް މިފަދަ މަގާމުތަކަށް ހޮވޭ ކައުންސިލަރުންނަކީ އިސްވެދިޔަ މަސައްކަތްތައް ކުރެވޭނެ ފަދަ ބޭފުޅުންތަކަކަށް ވާން ޖެހޭނެ ކަމެވެ.

އިންތިޚާބު ބޯމަތިވަމުން ކެމްޕެއިންގެ ފޯރިގަދަވެ ތަފާތު އެކި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ކެންޑިޑޭޓުން އިންތިޚާބަށް ވާދަކުރައްވަވާއިރު ކޮންމެ ކެންޑިޑޭޓަކު ވެސް ވިދާޅުވަމުން ގެންދަވަނީ މަތީގައި ދެންނެވުނު މަސައްކަތް ކުރުމަށް ކައުންސިލަށް ދާން ޖެހޭ އެންމެ ގާބިލް ބޭފުޅަކީ އެއީ ކަމެވެ.

އައްޑޫސިޓީގެ ހިތަދޫ މާމެންދޫ ދާއިރާގެ އަންހެން ގޮނޑިއަށް ސ.ހިތަދޫ ލޫނާ އާމިނަތު އަދާލާ ރަޝީދު ވާދަކުރައްވަވަނީ ވެސް މިފަދަ ޔަގީންކަމާއެކުގައެވެ. ތައުލީމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވަވައި އަދި އިލްމީ ގޮތުން ލިބިލައްވަވާފައިވާ ގިނަ ތަޖުރިބާ ތަކާއެކު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އަދާލާ ސިޔާސީ ދާއިރާއަށް ނިކުންނެވީ އިންތިޚާބުގައި ގާބިލް ގިނަ ކެންޑިޑޭޓުން ވާދަކުރައްވަން ޖެހޭކަމަށް ގަބޫލު ކުރެއްވެވޭތީއެވެ.

“އަޅުގަނޑު ވާދަކުރަނީ އަންހެން ގޮނޑިއަކަށް. ވާދަކުރާނެ އިތުރު ކެންޑިޑޭޓެއް ނެތި އެންމެ ކެންޑިޑޭޓަކު ނިކުންނަވައިގެން ގޮނޑި ކަށަވަރު ކުރެއްވުމަކީ ދާއިރާއަށް ވެސް ލިބިގެންދާ ނިކަމެތިކަމެއް ކަމުގައި ގަބޫލު ކުރެވޭ.  އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި 33 ޕަސެންޓް އަންހެނުންނަށް ޚާއްޞަ ކުރެވިގެން ދިއުމަކީ ސިޔާސީ ދާއިރާއަށް ނިކުންނަށް ތިބި ގިނަ އަންހެނުންތަކަކަށް ލިބިގެން ދިޔަ ފުރުސަތު ތަކެއް. އަދި އޭގެ ސަބަބުން އަންހެނުން ބާރުވެރި ވެ ގާބިލް ގިނަ ބަޔަކު އުފެދިގެން ދާނެ. މިފުރުސަތުގެ ބޭނުން ހިފައިގެން ކުރިއަށް ދާން އަޅުގަނޑުމެން އަންހެނުން މަސައްކަތް ކުރަންވީ. އަޅުގަނޑުގެ އުއްމީދަކީ ވެސް އަންހެން ގިނަ ލީޑަރުން އުފެދިގެންދާ ތަން ފެނިގެން ދިއުން” އަދާލާ ވިދާޅުވިއެވެ.

މެނޭޖްމަންޓްގެ ދާއިރާއިން ޕީއެޗްޑީ އަށް ކިޔަވަމުން މިހާރު ގެންދަވާއިރު އަދާލާވަނީ “ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ހިއުމަން ރިސޯސް މެނޭޖްމަންޓް” ގެ ދާއިރާއިން ރާއްޖެއިން ބޭރުން މާސްޓަސް ހައްދަވާފައެވެ. ހަމަ އެއާއެކު ސެކަންޑްރީ ޓީޗިން އިން ޑިގްރީހައްދަވައި މީގެ 10 ވަރަކަށް އަހަރު ކުރިން ތައުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަވަން ފެއްޓެވި އަދާލާ އަކީ މިހާރު އައްޑޫގެ އެންމެ ބޮޑު އެއް ސްކޫލް ކަމުގައިވާ ހިތަދޫ ސްކޫލްގެ ޑެޕިޔުޓީ ޕްރިންސިޕަލެވެ.

ޑެޕިޔުޓީ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވައިގެން ސްކޫލްގައި ހިންގާ ބޮޑެތި ގިނަ ކަންތައްތަކުގައްޔާއި ސްކޫލް ހިންގުމުގައި ހިކުމަތްތެރިކަމާއެކު މަސައްކަތް ކުރައްވަވަމުން ގެންދަވާ އަދާލާއަކީ ސްކޫލްގެ ސްޓާފުންނާ އަދި ބެލެނިވެރިންނާ ހަމަ އެހެންމެ ދަރިވަރުންނާ ވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ބޭފުޅެކެވެ.

ސްކޫލްގައި މަސައްކަތް ކުރެއްވެވުމުގެ އިތުރުން ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަސް ގައްޔާއި އެވިޑް ކޮލެޖްގައި ޕާޓްޓައިމް ލެކްޗަރާއެއްގެ ގޮތުގައި ވެސް އަދާލާ ވަނީ މަސައްކަތް ކުރައްވަވާފައެވެ.

މީގެ އިތުރުން އަދާލާވަނީ އައްޑޫގެ ސްކޫލްތަކުގައި މުޅިން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަންތައް ނަންގަވާދެއްވަވާ މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްތަކެއް ކޮށްދެއްވަވާފައެވެ. މިފަދަ ސެޝަންތައް ނަންގަވައި ދެއްވުމުގެ މަސައްކަތަކީ ވަޒީފާގެ އިތުރުން މުޅިން ހިލޭސާބަހަށް އަދާލާ ކުރައްވަވާ މަސައްކަތް ތަކެވެ.

2019 ވަނަ އަހަރު އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ 5 ވަނަ ބައިނަލް އަގުވާމީ ޓީޗަސް ކޮންފަރެންސްގައި އަދާލާ ވަނީ “އެސްޓަބްލިޝްމަންޓް އޮފް ޕްރޮފެޝަނަލް ލާނިންގ ކޮމިޔުނިޓީސް އިން ދަ ސްކޫލް އޮފް އައްޑޫ ސިޓީ” އާއި “އިންކްލޫޑިން ވެލިއުސް އިންޓު ސްކޫލް ޕްރެކްޓިސް” ނަމުގައި ކަރުދާސް ހުށަހަޅުއްވަވާފައެވެ. މި ކަރުދާހަށް ވަނީ “ބެސްޓް ޕޭޕަރ އެވޯޑު” ވެސް ލިބިލައްވަވާފައެވެ.

މީގެ އިތުރުން މިދިޔަ އަހަރު “ސަންރައިޒް ކޮރޮނާ އިންޓަނޭޝަނަލް އެންޑް މިޕްސްޓަރ” އިން އައްޑޫގައި ކުރިއަށް ގެންދިޔަ މެންޓަލް ހެލްތް އެވެއަރނެސް ޕްރޮގްރާމު ރާވާ އިންތިޒާމުކޮށް އެ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް އަދާލާވަނީ ބުރަކޮށް މަސައްކަތް ކުރައްވަވާފައެވެ. ހަމަ އެއާއެކު އަދާލާ އަކީ ރީޖަނަލް ޖަމިއްޔާއެއްކަމަށްވާ ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަނުގެ އައްޑޫ ޗެޕްޓަރ ގެ ވައިސް ޗެއަރޕާރސަން އެވެ.

އައްޑޫގައި ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމު ތަކުންނާއި ގިނަ ހަރަކާތްތަކެއްގައި އަބަދުވެސް ބައިވެރިވެ ލައްވަވާ އަމިއްލަ ކުރިއެރުމަށް މަސައްކަތް ކުރައްވަވައި އަދި އެހެން މީހުންނަށްވެސް އެފަދަ ފުރުސަތުތައް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވަވަމުން ގެންދަވާ އަދާލާ އަކީ ނަމޫނާ ކަނބަލެކެވެ. ދޫފަސޭހަ ވާހަކަ ދެއްކުންތެރިއެކެވެ. އިލްމީ ފޯރަމްތަކުގައި ބަހުސް ކުރެވޭނެ އިލްމީ ކަނބަލެކެވެ. ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު ޓީމެއް ގޮވައިގެން މަސައްކަތް ކުރެވޭނެ ގާބިލް ލީޑަރެކެވެ. ސިޔާސީ ދާއިރާއަށް މުޅިން އަލަށް ނިކުންނަވާ އަދާލާ ބޭނުންވެ ލައްވަވަނީ ފުރުސަތެކެވެ. ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ކޮށް ދިނުމަށެވެ. ބޮޑެތި ބަދަލުތަކަކާއެކު އަލަށް ހޮވޭ ކައުންސިލްގައި މަސައްކަތް ކޮށް އައްޑޫއަށް ބޭނުންވާ ތަރައްގީ ހެޔޮ ގޮތުގައި ހޯދައިދިނުމަށް މަސައްކަތް ކުރެވޭނެ ގޮތް ވުމެވެ. ވަކިން ޚާއްޞަކޮށް ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކޮށް މުޖުތަމައުގައި އަންހެނުންނަށް ފުރުސަތުތައް އިތުރުކުރުމަށް މަސައްކަތް ކުރުމެވެ.

“ގޮތް ނިންމާނީ ރައްޔިތުން. އަޅުގަނޑު ގަބޫލް ކުރަނީ މި މަސައްކަތްތައް ކުރުމަށް އަޅުގަނޑަކީވެސް ގާބިލް މީހެއް ކަމުގައި” އަދާލާ ދެކެލައްވަވާގޮތަކީ އެއީއެވެ. ގޮތް ނިންމުން އޮތީ ރައްޔިތުންނަށެވެ!