English Edition
Dhivehi Edition

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމް ދީނާއި ހިލާފު ވޯކްޝޮޕްތަކެއް ކުރިއަށް ގެންދާތީ، އިސްލާމިކް މިނިސްޓްރީން އެކަން ބަލަން ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ކުލިއަމް ޖަމިއްޔާއިން އައްޑޫ ސިޓީގެ އިތުރުން ހަނިމާދޫ ގައިވެސް ވޯކްޝޮޕަތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މި ވޯކްޝޮޕްތައް ބޭއްވުމަށް ހަރަކާތްތެރިވަނީ ހަރިސް ރަފީގް ނަަމަކަށް ކިޔާ އިނގިރޭސިވިލާތު ރައްޔިތެކެވެ. އޭނާއަކީ ކުރިން މުސްލިމެއް ނަމަވެސް މިހާރު އިސްލާމްދީން ދޫކޮށް، އޭނާ އަންނަނީ ދީނުގައި ހަރާންކުރައްވާފައިވާ ބޮޑެތި ފާފަތައް ކުރުމަށް ފާޅުގައި ގޮވާލަމުންނެވެ.

އައްޑޫ ސިޓީގައި ބޭއްވި މި ވޯކްޝޮޕްގައި ގިނަ އަދަދެއްގެ ޓީޗަރުންނާއި މުއައްސަސާތަކުގެ މުއައްޒަފުން ބައިވެރިވެފައިވާއިރު މި ވޯކްޝޮޕްގައި ބައިވެރިވި ފަރާތަކުން ބުނީ ވޯކްޝޮޕަށް ދިޔައިރު އެއީ ކޮންކަހަލަ ވޯކްޝޮޕެއްކަން ނޭގޭ ކަމަށެވެ. އެހެންނަމަވެސް ވޯކްޝޮޕް ފެށުމާއެކު ދައްކަންފެށި ދީނާ ހިލާފު ވާހަކަތަކުގެ ސަބަބުން ހައިރާންވިކަމަށެވެ. އަދި އެފަދަ ވޯކްޝޮޕެއްގައި ފާޅުގައި ދެއްކި ވާހަކަތަކުގެ ސަބަބުން އެކަން އައްޑޫ ސިޓީގެ ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައިކަމަށް އެ ފަރާތުންވަނީ ބުނެފައެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި  ހަނިމާދޫގައި ބޭއްވި ވޯކްޝޮޕްގައި ރާއްޖެއަށް އެންމެ ރަނގަޅު ވާނީ ސެކިއުލަރިޒަމް ކަމާއި އޭރުން ގައުމުގެ ހަމަޖެހުން އޮންނާނެ ކަމެއް ކަމަށާއި، މުސްލިމުން ގޮތުގައި އުޅެނީ ބޭނުން މީހުން އެކަނި ކަމަށް ބުނެފައިވާކަމަށް އެ ވޮކްޝޯޕްގައި ބައިވެރިވި ފަރާތްތަކުން ވަނީ ބުނެފައެވެ،

އިސްލާމްދީނާއި ހިލާފު މި ވޯކްޝޮޕްތަކުގެ ވާހަކަ މީޑިއާ އަށް ތިލަވުމާއެކު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ގޮތުން ބައެއް މީހުންވަނީ މިފަދަ އިވެންޓެއް ރާއްޖެއިން ބޭރުގެ ބަޔަކަށް ރާއްޖޭގައި ބޭއްވޭނީ ކޮންމެވެސް ބައެއްގެ އެހީތެރިކަމާއެކުގައި ކަމަށް ބުނެފައެވެ، އަދި މި ކަމަކީ ދުރާލާ ރާވައިގެން ހުއްދަވެސް ހޯދައިގެން ކުރެވޭ ޒާތުގެ ކަންތައްތަކަށްވާ އިރު މިކަން ކުރި ބަޔަކު ވަގުތުން ހޯދުމަށް ގޮވާލާފައެވެ،

މި މައްސަލަ އާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ދީނީ އެއްބަައިވަންތަކުގެ ގާނޫނާއި ހިލާފަށް ރާއްޖޭގެ އެކި ރަށްރަށުގައި ވޯކްޝޮޕްތައް ހިންގަމުންދާ ކަމުގެ ޝަކުވާ އިސްލާމިކް މިނިސްޓްރީއަށް ލިބެމުންދާތީ އެކަންތައް ބަލަމުންދާ ކަމަށެވެ/