English Edition
Dhivehi Edition
30 މެއި 2018ގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެސްޓީއޯ)

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެސްޓީއޯ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ “އަހަރީ އާންމު ޖަލްސާ 2019” ބޭއްވުމުގެ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމަށާއި، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވ ކަމަށެވެ.

އެސްޓީއޯގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން، އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރެވޭނީ 1 (އެކެއް) ޑިރެކްޓަރެވެ. އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން ޢައްޔަނުކުރެވޭނީ 6 (ހައެއް) ޑިރެކްޓަރުންނެވެ. އެގޮތުން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރާ އަދި އިންތިޚާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަކީ އެ ކުންފުނިން ބާރުއަޅާ ކަމެއް ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތެއްގެ ކިބައިގައި މަދުވެގެން 19 ޝަރުތެއް ފުރިހަމަވާން ޖެހެއެވެ. އެ ޝަރުތުތައް އެސްޓީއޯ އިން ގެޒެޓްކޮށްފައިވާ އިއުލާނުގައި ވަނީ ބަޔާންކޮށްފަ އެވެ.

އެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، “ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް” އަދި އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު، 19 މާރިޗް 2020 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ކޮމްޕެނީ ސެކްރެޓޭރިއަޓަށް އެޑްރެސްކުރައްވާ، އެސްޓީއޯގެ މައި އޮފީހަށް ނުވަތަ [email protected] އީމެއިލް އެޑްރެސް އަށް ނުވަތަ (960) 3344533 ފެކްސް ނަންބަރަށް ފޮނުވަން ޖެހޭނެ އެވެ.

އެކަމަށް އެދި ހުށަހަޅާ ފޯމް އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި ކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނުންނާއި ކުންފުނީގެ ވެބްސައިޓް، www.sto.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.

އެސްޓީއޯ އިން ބުނީ ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވޭލުއޭޓްކޮށް، އެފަރާތްތަކާއެކު އިންޓަވިއުކުރުމަށްފަހު، ކޮމިޓީން ތައްޔާރުކުރާ ރިޕޯޓް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތީން ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާބެހޭ މަޢުލޫމާތު ހިއްސާދާރުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

އަދި އާންމު ހިއްސާދާރުން ތަމްޞީލުކުރާ ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.