English Edition
Dhivehi Edition
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު - ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ

ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިޙާދު ދައުލަތުން ނުޙައްޤު މުއްސަނދިކަން ހޯދާފައިވާތީ، ބަދަލު ހޯދަން ދަޢުވާ ކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އޭޖީ އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނުގެ ދަށުން ނިމިދިޔަ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި ހުންނެވި ޢަބްދުﷲ ޖިޙާދު ދިރިއުޅުއްވުމަށް ދައުލަތުގެ ފަރާތުން “ރެހެންދި 3” ގެ 2 (ދޭއް) ފްލެޓް ހަމަޖައްސައިދިން ކަމަށެވެ. އަދި ރިޔާސީ ދައުރު ހަމަވުމަށްފަހު، އެތަން ހުސްކުރަން ދައުލަތުން އެންގުމުންވެސް އެތަން ހުސްނުކޮށް، ޤާނޫނީ ހައިޞިއްޔަތެއް ނެތި 1 އަހަރާއި 3 މަސް ވަންދެން އޭނާ ގެންދެވީ އެތަން ބޭނުން ކުރައްވަމުން ކަމަށާއި، ޖިޙާދު އެތަން ދޫކޮށްލެއްވީ 17 ފެބްރުވަރީ 2020 ގައި ކަމަށެވެ.

އެހެންކަމުން ޤާނޫނީ ހައިޞިއްޔަތެއްނެތި ޢަބްދުﷲ ޖިޙާދު ދައުލަތުގެ މުދަލެއް ބޭނުންކޮށްފައިވާ މުއްދަތަށް އޭނާގެ ކިބައިން ކުލި ހޯދުމުގެ ޙައްޤު ދައުލަތަށް ލިބިގެންވާކަމަށް ކަނޑައަޅައިދީ، ނުޙައްޤު މުއްސަނދިކަން ހޯދާފައިވާތީ، އެތަނުގެ ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީސްގެ ގޮތުގައި ޖުމްލަ 1،109،227.36 (އެއްމިލިއަން އެއްލައްކަ ނުވަހާސް ދުވިސައްތަ ހަތާވީސް ރުފިޔާ ތިރީސް ހަ ލާރި) ދައުލަތަށް އެކީ އެއްފަހަރާ ހޯދުމަށް ސިވިލް ކޯޓަށް މިއަދު ދަޢުވާ ހުށަހަޅާފައިވާ ކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.