English Edition
Dhivehi Edition

ސައުތުކޮރެއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 800 އަށް ވުރެ މައްޗަށް އަރައިފި އެވެ.

ނުރައްކާތެރި ކޮވިޑް-19 ސައުތުކޮރެއާގައި ފެތުރެމުން އަންނައިރު އިއްޔެގެ ނިޔަލަށް އެ ޤައުމުގައި ވަނީ 833 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައެވެ. ޗައިނާގެ ވުހާން ހިމެނޭ ހުބޭއި ޕްރޮވިންސުގެ މަސް މާރުކޭޓަކުން ފުރަތަމަ ފެނުނު މި ވައިރަސް ދުނިޔޭގެ 26 ޤައުމަކުން މިހާތަނަށް ވަނީ ފެނިފައެވެ.

ޗައިނާގައި އެކަނިވެސް ވައިރަސް ޖެހިފައިވާ 77،152 މީހުން ތިބިއިރު އިޓަލީގައި 229 މީހުން އަދި ޖަޕާނުގައި 159 މީހުން މި ވައިރަހަށް ޕޮޒިޓިވް ވެފައި އެބަ ތިއްބެވެ. މި ވައިރަސް ފެތުރެން ފެށިތާ 49 ދުވަސް ވެފައިވާއިރު މިހާތަނަށް 2629 މީހުން ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ އިޓަލީ،އިރާން،ސައުތުކޮރެއާ، ހޮންކޮންގ ފަދަ ޤައުމުތަކުގައެވެ.

ކޮވިޑް-19 އަށް މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާއިރު ބަލި ޖެހިފައިވާ މީހުން ބައިތިއްބާފައި ވަނީ މީހުންނާއި އެކަހެރި ތަންތަނުގައި އެވެ. ބަލީގެ ނުރައްކަލުގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.