English Edition
Dhivehi Edition
އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް އާއި ޑެޕިއުޓީ ކޮންޓްރޯލަރ، އަތޮޅު މޮޑިއުލް އާއި ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަނީ - ފޮޓޯ: ޓްވިޓާ (އިމިގްރޭޝަން)

ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމަށްޓަކައި “އަތޮޅު” މޮޑިއުލްގެ ނަމުގައި ދިވެހިރާއްޖޭގެ އިމިގްރޭޝަނުން މިއަދު ވިއުގައެއް ތަޢާރަފްކޮށްފި އެވެ.

އެ ވިއުގަ ތަޢާރަފްކޮށްދެއްވީ އެކަމަށްޓަކައި އިމިގްރޭޝަންގެ މައި އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި އެ ވިއުގައަކީ ރާއްޖޭގައި މަސައްކަތް ކުރާ އަދި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމަށް ފަރުމާކޮށްފައިވާ ވިއުގަ އެކެވެ. އަދި އެ ވިއުގަ ބޭނުންކޮށްގެން ރާއްޖޭގައި މަސައްކަތްކުރާ އަދި ދިރިއުޅޭ ބިދޭސީންގެ ޙަރަކާތްތައް ކަމާބެހޭ އިދާރާތަކަށް ދެނެގަނެވޭނެ ކަމަށާއި، އެގޮތުން އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ބިދޭސީން، އެއް ރަށުން އަނެއް ރަށަށް ހިޖުރަ ކުރާއިރު އެމީހުންގެ ހަރަކާތްތައް ފުރިހަމައަށް އެނގިގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

މީގެ އިތުރުން އެ ވިއުގަ ބޭނުންކޮށްގެން ބިދޭސީންގެ ސައްޙަ މަޢުލޫމާތު ހިމެނޭ ގޮތަށް ރަށްވެހި ބިދޭސީ އާބާދީ ބެލެހެއްޓޭނެ ކަމަށާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިރިއުޅޭ ބިދޭސީންނަކީ ރާއްޖޭގައި ހުރުމުގެ ހުއްދައާ އެއްގޮތަށް ނުވަތަ ހުއްދައާ ޚިލާފަށް އުޅޭ ބިދޭސީންކަން އެ މަޢުލޫމާތުގެ އަލީގައި ދެނެގަނެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އެ ވިއުގަ އިތުރަށް ފުރިހަމަވެގެންދަނީ، އިމިގްރޭޝަންގައި ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރަމުންދާ ނިޒާމުތަކާއި ގުޅިފައިވާ ވިއުގައެއް ކަމުގައި ވުމާއި، އަދި އަދާހަމަ މަޢުލޫމާތު ހިދުން ހިނދަށް ލިބޭނެ ނިޒާމެއް ކަމުގައި ވުމުން ކަމަށްވެސް އެ މުއައްސަސާއިން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ އެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، މި އަހަރުގެ ޖޫން މަހުން ފެށިގެން އެ ވިއުގައަށް ބަޔޯމެޓްރިކްސްގެ ޤާބިލްކަން އިތުރުކުރެވޭނެ ކަމަށެވެ. އެއާއެކު ބަޔޯމެޓްރިކްސް ބޭނުންކޮށްގެން ރާއްޖޭގައި މަސައްކަތްކުރާ އަދި ދިރިއުޅޭ ބިދޭސީންގެ ޝަޚުސު ދެނެގަނެވޭނެ ކަމަށާއި، އިނގިލީގެ ނިޝާނާއި މޫނުގެ ސިފަ ބޭނުންކޮށްގެން ބިދޭސީ މީހާގެ ޝަޚުސު ދެނެގަނެވި، ރާއްޖޭގައި ހުރުމަށް އެ ފަރާތަކަށް ދޫކޮށްފައިވާ ހުއްދައިގެ ތަފްސީލް ޔަޤީން ކުރެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގެ ސަލާމަތާއި ގުޅުންހުރި ކަމަކަށް ވީހިނދު، އެ މައްސަލަތައް ހައްލުކުރުމަށްޓަކައި އެ މުއައްސަސާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށެވެ.