English Edition
Dhivehi Edition
16 ފެބުރުވަރީ 2020ގައި ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މަޝްވަރާ ކުރައްވަނީ - ފޮޓޯ: ޓްވިޓާ (ޖެންޑަރ މިނިސްޓްރީ)

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކުގެ ނަމުގައި އެހީ ހޯދުމަށް ގުޅާތީ އެކަމަށް ސަމާލުވާން އަންގައިފި އެވެ.

ޖެންޑަރ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކުގެ ނަމުގައި އެކި ފަރާތްތަކުން އެކި ބާވަތުގެ އެހީ ހޯދާކަމުގެ މަޢުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

އަދި އެފަދަ ޢަމަލުތަކަށް ސަމާލުވެ، ފޯނު ކޯލާއި އެސްއެމްއެސްއާއި އީމެއިލް އަދި މި ނޫން ވެސް ޒަރިއްޔާތައް މެދުވެރިކޮށް ޖެންޑަރ މިނިސްޓްރީގެ ނަމުގައި  އެއްވެސް ފަރާތަކުން އެފަދަ ހަރަކާތެއް ހިންގާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ، ލަސްނުކޮށް އެ މިނިސްޓްރީގެ ނަންބަރު 3013017 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަންބަރު 3322111 އާ ގުޅައި ޙިއްސާކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

މީގެ އިތުރުން ޖެންޑަރ މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އެހީގެ ކަންކަން ކުރިއަށް ގެންދާއިރު ރަސްމީ ލިޔެކިއުން ބަދަލުކުރެވޭނެ ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާނަމަ، އެ މިނިސްޓްރީއާ ގުޅިގެން އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފަ އެވެ.

އެގޮތުން އެމިނިސްޓްރީގެ ނަންބަރަށް ގުޅަގެން ނުވަތަ އެ މިނިސްޓްރީގެ “ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށާއި މަރުކަޒުތަކަށް ހަދިޔާ ދިނުމަށް އެދި ހުށަހަޅާ ފޯމު” އާއި “ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށާއި މަރުކަޒުތަކަށް ހަދިޔާ ދިނުމަށް އެދި ހުށަހަޅާ ފޯމު” ން އެހީގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

“ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކަށް އެކި ފަރާތްތަކުން ވެދެއްވާ ދީލަތި އެހީތައް ފާހަގަކޮށް، ޝުކުރު ދަންނަވަމެވެ.”، ޖެންޑަރ މިނިސްޓްރީން ބުނެފައި ވެއެވެ.