English Edition
Dhivehi Edition
24 ފެބުރުވަރީ 2020ގައި ޖަޕާނުން ހަދިޔާކުރި އަލިފާން ނިއްވަން ބޭނުންކުރާ ވެހިކަލަކާއި ބައެއް އިތުރު އާލާތްތަށް އެމްއެންޑީއެފާ ހަވާލުކުރުން - ފޮޓޯ: އެމްއެންޑީއެފް

ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އަލިފާން ނިއްވުމުގައި ބޭނުންކުރާ ފަޔަރ ވެހިކަލަކާއި ބައެއް އާލާތްތައް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ހަވާލުކޮށްފިއެވެ.

އިއްޔެ ހަވީރު ކަޅުކުއްތަކަލާކޮށި، މާލެ ފަޔަރ ސްޓޭޝަނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެތަކެތި ޖަޕާނު ސަރުކާރުގެ ފަރާތުން ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ އާއި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ކެއިކޯ ޔަނާއީއެވެ.

އެމްއެންޑީއެފް އިން ބުނީ އެތަކެއްޗަކީ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި، ޤާބިލްކަން އިތުރުކުރުމަށް އެންޑީއެމްއޭ އިން ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ރާއްޖެއަށް ހަދިޔާކުރި ތަކެތި ކަމަށެވެ. އިއްޔެ ހަދިޔާކުރި ތަކެތީގެ ތެރޭގައި ފަޔަރ ވެހިކަލަކާއި، ތިން ބްރީތިންގ އެޕޭރެޓަސް ސެޓް އަދި  އެއް ތާމަލް އިމޭޖިން ކެމެރާ ހިމެނޭ ކަމަށާއި، އެތަކެތީގެ އަގަކީ 1.3 މިލިއަން ދިވެހި ރުފިޔާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ މަޝްރޫޢަކީ 19 ފެބްރުއަރީ 2019 ވަނަ އަހަރު ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އާއި ޖަޕާނު ސަރުކާރާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިގެންދިޔަ ތަކެތި ކަމަށެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިސްބޭފުޅުންނާއި ޖަޕާނު ސަރުކާރުގެ ވަފުދުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.