English Edition
Dhivehi Edition

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ބޭނުންކުރާ ވޯޓުކަރުދާސް ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

މިއަދު ފިނޭންސް މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާކަމަށެވެ. އެ މިނިސްޓްރީން ކުރި އިއުލާންގައި ބުނީ މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންކަމަށާއި މި ކަމަށް އެދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެކަމަށެވެ.

މިބީލަމުގައި ބައިވެރިވުމަށް ފަސް ސަތޭކަ ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި ފަންސާސް ހާސް ރުފިޔާ ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ 2 މާރިޗު 2020 ވާ ހޯމަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައިކަމަށް އެ މިނިސްޓްރީންވަނީ ބުނެފައެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޭނުންކުރާ ވޯޓު ކަރުދާސްތައް ޗާޕްކުރީ ނޮވެލްޓީ ޕްރިންޓާސްއިންނެވެ. މަޖިލީސް އިންތިހާބުގެ ވޯޓުކަރުދާހުގައި  ސެކިއުރިޓީ ދެ ފީޗާއެއް ހިމަނާފައިވާއިރު ވޯޓު ކަރުދާސް ޗާޕްކޮށްފައިވަނީ ހުދު އަދި ކަޅު ކުލައިންނެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ އެޕްރީލްމަހުގެ 04 ވަނަ ދުވަހުގައެވެ.