English Edition
Dhivehi Edition
ޑިސެމްބަރު 2018 ގައި މާލޭ ސޯޝަލް ސެންޓަރު ސަރަޙައްދުގައި ބޭއްވި "ހަފުތާ ރެސް"ގައި ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް ވާހަކަދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީގެ އެންމެ ފުރަތަމަ “ހަފުތާ ރެސް” ޕްރޮގްރާމް އަންނަ މާޗު މަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ އައްޑޫ ސިޓީގައި ހަފުތާ ރެސް ބޭއްވުމާއި ބެހޭގޮތުން އަވަށު އޮފީސްތަކާއި އައްޑޫގެ ޒުވާނުންގެ މަރުކަޒުތަކުގެ ބޭފުޅުންނާއި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އައްޑޫގައި ހަފުތާ ރެސް ރާވާ ހިންގުމަށް ސެންޓްރަލް ކޮމިޓީއެއްވެސް އެކުލަވާލާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ނަމަވެސް އެކަމާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް އަދި ކައުންސިލުން ހާމައެއް ނުކުރެއެވެ.

“ހަފުތާ ރެސް” އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގައި ހިމެނިގެން ކޮންމެ ހަފްތާއެއް ނިންމުމުގެގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ވީކްއެންޑް މާކެޓާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ އިވެންޓެކެވެ.

ހަފުތާ ރެސް ހަރަކާތަކީ ޔޫތު މިނިސްޓްރީގެ ފަރާތުން އިންތިޒާމް ކޮށްގެން ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މި ހަރަކާތަކީ އާންމު ފަރުދުންނާއި ޒުވާނުންނާއި، އަންހެނުންނާއި، އަދި ޙާއްޞައެހީއަށް ބޭނުންވާ ފަރާތްތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ކުރިއަރުވައި، އެ ފަރާތްތަކުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

ވީކްއެންޑް މާކެޓްގެ އިތުރުން ހަފުތާ ރެސް ގެ މި ހަރަކާތުގައި، މިއުޒިކް އަދި ޓެލެންޓް ޝޯއާއި، ކުޑަކުދިންނަށް ޙާއްޞަކޮށްގެން ބާއްވާ ކުޅިވަރުތައްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.