English Edition
Dhivehi Edition
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް - ފޮޓޯ: އަވަސް

މަނީލޯންޑްރިންގގެ ދައުވާ ސާބިތުވެ ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިސްތިއުނާފު ޝަރީޢަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި އެވެ.

ހައި ކޯޓުގެ ޝެޑިއުލްގައި ބުނެފައިވާ ގޮތުން ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ތާވަލްކޮށްފައި ވަނީ މާދަމާ 13:00 އަށެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގައިވަނީ  ރައީސް ޔާމީން މައްޗަށް ކުރި ދައުވާގައި ބުނާ އެއްމިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ކަމާއި، އެފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓަށް ޖަމާކޮށް އިންވެސްޓް ކޮށްފައިވާ ކަމާއި، އެފައިސާ އަކީ އޭސީސީ އިން ތަޙްޤީޤު ކުރާ މައްސަލައެއް ކަން އެނގި އެފައިސާ ޝައްކު ކުރެވޭ ހާލަތުގައި ހުރި ފައިސާ ކަން ދައުލަތުން ހުށަހެޅި ހެކިބަހުން ސާބިތުވާތީ މަނީ ލޯންޑްރިން ކުށުން ޔާމީން ކުށްވެރިވާ ކަމަށް ކަނޑައަޅާ ޔާމީން ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. އަދި ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ވެސް ޔާމީންގެ މައްޗަށްވަނީ ހުކުމްކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ހުކުމް ކޮށްފައި ވަނީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ޖަލު ޙުކުމް ހައި ކޯޓުގައި ނޮވެމްބަރު 30 ވަނަ ދުވަހު އިސްތިއުނާފުކޮށްފައިވާއިރު، ހައި ކޯޓުން ވަނީ އެ މައްސަލައިގެ އިސްތިއުނާފު ޝަރީޢަތް ފަށައިފަ އެވެ.