English Edition
Dhivehi Edition
ކެނެޑާއިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހާއަށް ފަރުވާދެމުން އަންނަ ސަނީބްރޫކް ހޮސްޕިޓަލް - ފޮޓޯ: ރޮއިޓާސް

ރާއްޖެއިން ބޭރަށް ދަތުރުކުރަށްވާ ފަރާތްތަކުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

މިއަދު އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޗައިނާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ޤައުމުތަކުގައި، ޗައިނާ އަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ ކިބައިންވެސް ކޮވިޑް-19 ގެ އަސަރު ފެނި އެޤައުމުތަކުގައި ބަލި ފެތުރެމުންދާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ޖަޕާން، ސިންގަޕޫރު، ހޮންގް ކޮންގް، ސައުތު ކޮރެއާ، ތައިލެންޑް، އިރާން، އަދި އިޓަލީ އަށް ދަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލު ވުމަށް އެދޭ ކަމަށެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރަށްވާ ފަރާތްތަކުން ބައެއް ކަންކަމަށް ސަމާލުވުމަށްވެސް އެޗްޕީއޭއިން ވަނީ އަންގައިފައެވެ. އެގޮތުން ބަލި ފެތުރެމުންދާ ޤައުމަކަށް ދަތުރު ކުރާ ނަމަ އެޤައުމުގައި ބަލި ފެތުރޭ މިންވަރާއި ސަރަހައްދު ދެނެގަތުމާއި އެޤައުމެއްގެ ސަރުކާރުން، ރައްކާތެރިވުމަށް އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް ދެނެގަނެ އެކަންކަމަށް ފިޔަވަޅު އެޅުމާއި ރޯގާޖެހި ހުން އައިސްފައި ތިބޭ މީހުން ކައިރީ ނޫޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.


ގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރުމާއި ބޭރު ޤައުމަކަށް ދަތުރުކޮށްފައި އައިސް ރޯގާޖެހި ކެއްސައި ހުން އައިސްފައި ވާނަމަ ގޭގައި މަޑުކުރުމާއި ބަލި މާ ބޮޑުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.