English Edition
Dhivehi Edition

ވައިރަސް ޖެހިގެން އިރަލީއިން 2 މީހަކު މަރުވުމާއި ގުޅިގެން އެ ޤައުމުގައި ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފި އެވެ. އިއްޔެގެ ނިޔަލަށް އެ ޤައުމުން ވައިރަސް ޖެހިގެން 2 މީހުން މަރުވެފައިވާއިރު ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 79 އަކަށް އަރައިފައެވެ. މިކަމާއި ގުޅި އިޓަލީގެ ބޮޑުވަޒީރު ވަނީ އެ ޤައުމުގައި އިމަޖެންސީ ޕްލޭން އަކަށް އަމަލު ކުރައްވަން ފައްޓަވާފައެވެ.

އިޓަލީގެ ބޮޑުވަޒީރު އަމަލު ކުރައްވަންފެއްޓެވި މި އިމެޖެންސީ ޕްލޭންގެ ދަށުން އެ ޤައުމުގެ 2 އަވަށެއް ވަނީ ކަރަންޓީން ކޮށްފައެވެ. ކަރަންޓީން ކޮށްފައިވާ އަވަށްތަކުގެ މީހުން ބޭރަށް ނުނިކުމަށް އަންގާފައިވާއިރު މި އަވަށްތަކުން އެތެރަވެ ބޭރަވުންވެސް މަނާކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި ދެ އަވަށުގެ ސްކޫލް ތަކާއި ކުޅިވަރުހަރަކާތްތައްވެސް ވަނީ މި ފިޔަވަޅުގެ ސަބަބުން ބަންދުކޮށްފައެވެ.

ޗައިނާގެ ވުހާން ސިޓީ ހިމެނޭ ހުބޭއި ޕްރޮވިންސުން ފުރަތަމަ ފެނުނު މި ވައިރަސް ދުނިޔޭގެ 26 ޤައުމަކުން މިހާރު ވަނީ ފެނިފައެވެ. އާދަޔާ ހިލާފަށް ހަލުވިކަމާއި އެކީ ފެތުރެމުންދާ މި ވައިރަސް 77،794 މީހުންނަށް ވަނީ ޖެހިފައެވެ. ޗައިނާއިން ބޭރުގައި މި ވައިރަސް ޖެހިފައި ވަނީ 1،400 މީހުންނަށެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2،359 އަށް އަރައިފައެވެ. ވައިރަސް ފެނިފައިވާ އެހެން ޤައުމުތަކުން މި ވައިރަސް ޖެހިގެން 11 މީހުން ވަނީ މަރުވެފައެވެ. މި ވައިރަހަށް މިހާތަނަށް އެއްވެސް ވެކްސިނެއް އުފެއްދިފައި ނުވެއެވެ. ބަލި ޖެހިފައިވާ މީހުންނަށް ފަރުވާދެމުން ދަނީ އެމީހުން އެކަހެރިކޮށް ބައިތިއްބައިގެންނެވެ.