English Edition
Dhivehi Edition

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްދު ނަޝީދުގެ ކުރި ދަތުރެއްގައި ޓެކެޓު ގަތުމަށް ހޭދަކުރި 444 ރުފިޔާގެ، ކޮރަޕްޝަން އަމަލަކީ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ފަދަ އަމަލެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ގއ. ވިލިނގިލީގައި ބޭއްވި ދެކުނުގެ އަތޮޅުތަކުގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އެހެން ދަތުރުފުޅުތަކެއް ކުރައްވައި އެ ދަތުރުފުޅުތަކުގައި މަޖިލީހުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުން ކުރި މައްސަލައެއް އޭސީސީއަށް ހުށަހަޅުމާއި ގުޅިގެން އޭސީސީއިންވަނީ އެ މައްސަލަ ތަހުގީގުކޮށްފައެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، އޭސީސީން މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސް ނަޝީދު ރަސްމީ ދަތުރަކަށް ކުރެއްވީ ވިލިނގިލީގައި ބޭއްވި ދެކުނުގެ މަހާސިންތާއަށް ކަމަށާއި އޭގެ ފަހުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ ހަށި ފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ދިއުމުގެ ޓިކެޓަށް 1333 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޭސީސީގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.އަދި އެއީ މަހާސިންތާގައި ނުހިމެނޭ ދެ ދަތުރަކަށްވެފައި، އޭރު ކޫއްޑޫ އިން މާލެއަށް ދަތުރުތަކުގެ އަގަކީ 1222 ރުފިޔާ ކަމަށް ވުމުން ޓިކެޓަށް ހަރަދުކޮށްފައިވާ އިތުރު 444 ރުފިޔާ މަޖިލީހުގެ އިދާރާއަށް ދިނުމަށް އެ ކޮމިޝަނުން ނަޝީދަށް ވަނީ އަންގައިފަ އެވެ

މި މައްސަލަ އާއި ގުޅިގެން ހައިލަމް ރޭ ކުރެއްވި ޓްވީޓެއްގައި އާއްމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަމިއްލަ ދަތުރުފުޅެއްގައި ހަށިފާރަވެރިޔާ އާއި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ގެންދިއުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރި ފައިސާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދެއްކުމަށް އޭސީސިއިން ރައީސް ނަޝީދަށް އެންގެވުމުގެ މާނަ ވަރަށް ސާފު ކަމަށެވެ. އަދި އެކަމުން އެނގިގެން ދިޔައީ އަމިއްލަފުޅު ދަތުރުފުޅަކަށް ބައިވެރިންގެ ގޮތުގައި ގެންދެވި ބޭފުޅުންނަށް ދައުލަތުގެ ފައިސާ ހަރަދު ކުރެއްވިކަން ތަހުގީގަށް ސާބިތުވުން ކަމުގައި ހައިލަމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މައްޗަށް ތަހުގީގަށް ސާބިތުވެގެން އުޅޭ ކޮރަޕްޝަންގެ ކުށަކީ އެކުށް ޝަރީއަތަށް ސާބިތުވެއްޖެނަމަ 1 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖަލު އަދަބެއް އަންނާނެ ކުށެއް ކަމަށް ފާހަގަކުރައްވަމުން ހައިލަމް ވިދާޅުވީ އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ޝަރުތު ގެއްލިގެންދާނެ ކަމެއްކަމަށެވެ.

މީގެ އިތުރުން ހައިލަމް ވިދާޅުވީ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި، ރަސްމީ ހައިސިއްޔަތުން ނަހަމަގޮތުގައި ބޭނުންކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާކަމަށާއި، އެކަމުން އެނގެނީ ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ރައީސް ނަޝީދު ކުރައްވައިފިކަން އޭސީސީއިން ތަހުގީގުކޮށް ސާބިތުވެފައިވާކަމަށެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް ކޮރަޕްޝަނުގެ އަމަލެއް ސާބިތުވެއްޖެ ނަމަ މަދަނީ ގެއްލުން ފޫ ބެއްދުމަށް ކުރަންޖެހޭ ކަންކަން ނުވަތަ އަމުރުތައް އޭސީސީން ކުރަންޖެހޭނެކަމަށާއި އެކަމުގައި ނަޝީދުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް އޭސީސީގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވަންޖެހޭނެކަމަށެވެ.

ހައިލަމްގެ ބަޔާނުގައި ވަނީ ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ކަމަށް އޭސީސިގެ ތަހުގީގަށް ސާބިތުވެ މައްސަލައިގެ ޖިނާއީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ނުފޮނުވައިފި ނަމަ، އޭސީސީގެ މެންބަރުން އެ ކުރަނީ ގާނޫނުލްއުގޫބަތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށެއްކަމަށް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަމިއްލަފުޅު ދަތުރުތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކުރައްވައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި މަޖިލީހުގެ ރަސްމީ މީޑިއާ ބޭނުންކޮށްގެން ކަވަރުކުރަމުންދާކަމަށް ބުނާ މައްސަލަ ބެލުމަށްފަހު އޭސީސީންވަނީ އެކަންކަން އިސްލާހުކުރުމަށް އަންގަފައެވެ.