English Edition
Dhivehi Edition

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫސިޓީގެ ހިތަދޫ 6 ވަނަ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ސ. ހިތަދޫ ލޫނާ، އާމިނަތު އަދާލާ ރަޝީދު ފޯމު ހުށަހަޅުއްވައިފިއެވެ.

ހިތަދޫ 6 ވަނަ ދާއިރާ (މާމެންދޫ ދާއިރާ) އަށް ވާދަކުރައްވަވާ އަދާލާ އަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވަވާފައިވާ އަދި މިހާރު ހިތަދޫ ސްކޫލްގެ ޑެޕިޔުޓީ ޕްރިންސިޕަލް ކަމުގެ މަގާމު ފުރުއްވަވަމުން ގެންދަވާ އިލްމީ ބޭކަނބަލެކެވެ.

“އަޅުގަނޑު މިދާއިރާއަށް ކުރިމަތިލާން ބޭނުންވީ ދާއިރާގެ ގިނަ ބައެއްގެ އެދުމުގެ ވެސް މަތިން. ވަކިން ޚާއްޞަކޮށް މި ދާއިރާއަކީ އަންހެނުންނަށް ޚާއްޞަ ދާއިރާއަކަށް ވުމުން ގިނަ ބަޔަކު ބޭނުންވޭ ތައުލީމީ ގާބިލް މީހުން ނިކުމެ އިންތިޚާބުގައި ވާދަކުރުމަށް. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ލާމަރުކަޒީ ގާނޫނަށް މިހާރު އައިސްފައިވާ ބޮޑެތި ބަދަލުތަކާއެކު ކައުންސިލަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ގާބިލްކަން އަޅުގަނޑުގެ ކިބައިގައި އެބަހުރި. މިކަމަށް ކުރިމަތިލީ އެ ޔަގީން ކަމާއެކު” އޭއޯނިއުސް އަށް މައުލޫމާތު ދެއްވަވަމުން އަދާލާ ވިދާޅުވިއެވެ.

އަދާލާ ފާހަގަކޮށްލެވެނީ އައްޑޫގައި ކުރިއަށް ގެންދާ ތަފާތު ގިނަ ޕްރޮގްރާމުތަކުގައި ވޮލެންޓްރީ ކޮށް މަސައްކަތް ކުރައްވަވާ އަދި ރަށުގެ ކުރިއެރުމަށް ހީވާގި ކަމާއެކު މަސައްކަތް ކުރައްވަވާ އަންހެން ކަނބަލެއްގެ ގޮތުގައެވެ. މީގެ އިތުރުން ގިނަ ފޯރަމް ތަކުގައި ކެރިގެން ވާހަކަ ދައްކަވާ ކުޅަދާނަ ބޭކަނބަލެއްގެ ގޮތުގައެވެ.

މިދާއިރާއިން އަމިއްލަ ގޮތުން އަދާލާ ވާދަކުރައްވަވާއިރު އެމްޑީޕީގެ ޓިކެޓުގައި އެދާއިރާއަށް ދެން ވާދަކުރައްވަނީ ޖަމްޝީދާ މުހައްމަދެވެ.