English Edition
Dhivehi Edition
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް - ފޮޓޯ: މުޙައްމަދު ޝަރުހާން

ވެންޑަރުންގެ ރަޖިސްޓްރީގައި ވިޔަފާރިތައް ރަޖިސްޓްރީކުރުމުގެ ފުރުސަތު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވާލައިފި އެވެ.

އެމްޕީއެލް އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީގެ ދަށުން ކޯޓޭޝަން ހޯދައިގެން ގަންނަ ތަކެއްޗާއި، ކުރާ މަސައްކަތްތަކާއި އަދި ލިބިގަންނަ ޚިދުމަތްތައް ހޯދުމުގައި ވީހާވެސް ގިނަފަރާތްތަކަށް ބައިވެރިވެވޭނެ ގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި އަގު ހޯދުމަށްޓަކައި ވެންޑަރ ރަޖިސްޓްރީއެއް އެކުލަވާލާ، އެ ރަޖިސްޓްރީގައި ވީހާވެސް ގިނަ ވިޔަފާރިތައް ހިމެނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން 20 މާރިޗް 2020 އިން ފެށިގެން ކޯޓޭޝަން ހުށަހެޅުމަށް ދައުވަތު ދިނުމަށް ހަމަޖެހިފައިވަނީ އެ ކުންފުނީގެ ވެންޑަރ ރެޖިސްޓްރޭޝަން ޕޯޓަލްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށާއި، ޕޯޓަލްގައި އެކެޓަގަރީތަކެއްގައި ރަޖިސްޓްރީ ވުމަށް ހިމެނިފައިވާ ހުރިހާ ފަރާތްތަކަށްވެސް އަގު ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ. އަދި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތައް، ރަޖިސްޓްރީކުރެވެމުންދާ ވަރަކުން އެފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި، 20 މާރިޗްގެ ފަހުން ރަޖިސްޓްރީކުރެވޭ ފަރާތްތަކަށް ރަޖިސްޓްރީ ވުމަށް އެދޭތާ 07 ދުވަސް ފަހުން އަގުހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެމްޕީއެލް އިން ބުނީ ވެންޑަރ ރަޖިސްޓްރޭޝަނަށް އެދި ހުށަހަޅުއްވާ ފަރާތަކުން ހުށަހަޅުއްވާފައިވާ މައުލޫމާތު ފުރިހަމަ ނުވާނަމަ ނުވަތަ ދެއްވާފައިވާ މަޢުލޫމާތު ޞައްޙަ ނޫން ނަމަ، ނުވަތަ ލިޔެކިޔުން ފުރިހަމަ ނޫންކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފަރާތެއް ވެންޑަރ ރަޖިސްޓަރީގައި ނުހިމެނޭނެ ކަމަށާއި، އެމްޕީއެލްގެ ޕްރޮކިއުމަންޓް ޕޮލިސީއާއި، ދައުލަތުގެ މާލިއްޔަތު ޤަވާއިދާއި، ކަމާއި ގުޅުންހުރި އެހެނިހެން ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފުވާ ފަރާތްތައްވެސް ރަޖިސްޓަރީ އިން އުނިކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެމްޕީއެލް އިން ބުނީ ވެންޑަރ ރަޖިސްޓްރީގައި ހިމެނުމަށް ބޭނުންވާ ވިޔަފާރިތަކުން އެ ކުންފުނީގެ ވެބްސައިޓް vendor.port.mv ގައި ރަޖިސްޓްރީ ވެވޭނެ ކަމަށެވެ. އަދި އެކަމާ ބެހޭ އިތުރު މަޢުލޫމާތެއް ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކޮށްގެން ނުވަތަ 3329339 ނަންބަރާއި ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ އެވެ.