English Edition
Dhivehi Edition

ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ޗައިނާގައި މަރުވިމީހުންގެ އަދަދު 2،336 އަށް އަރައިފި އެވެ.

ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ މި ވައިރަސް ދުނިޔޭގެ 25 އަށްވުރެ ގިނަ ޤައުމުން ފެނިފައިވާއިރު 75،685 މީހަކަށް ވައިރަސް ޖެހިފައިވާކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.

މިއަދު އެކަނިވެސް ޗައިނާގެ ހުބޭއި ޕްރޮވިންސުން 631 މީހަކަށް މި ވައިރަސް ޖެހިފައިވާކަމަށް އޮފިޝަލުން މައުލޫމާތު ދޭއިރު އެ ޕްރޮވިންސުގެ ދެ ޖަލަކުންވެސް ވެސް ވަނީ މި ވައިރަހަށް ޕޮޒިޓިވް 220 އަށްވުރެ ގިނަ މީހުން ފެނިފައެވެ.

ލެބަނާނުންވެސް ވަނީ ކޮވިޑް-19 ފެނިފައެވެ. އެ ޤައުމުން މި ވައިރަސް ފެނިފައި ވަނީ އީރާނުން ލެބަނާނަށް ދިޔަ މީހެއްގެ ގައިންނެވެ. މީގެ އިތުރުން އިތުރު ދެ ކޭސްއެއް ލެބަނާނުން ވަނީ ފެނިފައެވެ.

ނޭވާލާ ނިޒާމުން ފެތުރޭ މި ވައިރަސް ކޮންޓްރޯލް ކުރުމަށް އެކި ޤައުމުތަކުން އެކިއެކި މަސައްކަތްތައް ކުރަމުން އަންނަ އިރު ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާއިން ވަނީ އެ ޤައުމުގައި އުފައްދާ މާސްކް އުފެއްދުން އިތުރުކޮށްފައެވެ. އެގޮތުން ދުވަލެއްގެ މައްޗަށް ތިންލައްކަ މާސްކު އުފައްދަމުން އައިނަމަވެސް ސަރުކާރުގެ އިރުޝާދާއި އެކު ވަނީ ދުވާލަކު 20 މިލިއަން މާސްކު އުފައްދަން ނިންމާފައެވެ.