English Edition
Dhivehi Edition

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަަށް ވާދަކުރުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފޯމް ހުށައަޅުއްވައިފި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް ވަނީ އެ ޕާޓީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް މުއިއްޒް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ. އެހެންނަމަވެސް މިއަދާއި ޖެހެންދެންވެސް މިކަމާއި ގުޅިގެން މުއިއްޒް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާއިރު ޕީޕީއެމްގެ ފަރާތުން މުއިއްޒުގެ ފޯމު އިލެކްޝަނާއި ހަވާލުކޮށްފައިވާކަން އެ ކޮމިޝަނުންވަނީ ޔަގީންކޮށްދީފައެވެ.

މާލޭގެ މޭޔަރުކަމަށް މުއިއްޒު ކުރިމަތިލައްވަން ފޯމު ހުށަހަޅުއްވާފައިވާއިރު، ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުމާ ގުޅިގެން އޭނާގެ މައްސަލަ ސެޓުލްމެންޓް ކޮމިޓީން ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ.މި މައްސަލައިގައި މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ އޭނާއާ ދެކޮޅަށް މި ސަރުކާރުން ތުހުމަތުތަކެއް ފެންމަތިކޮށްގެން އުޅެނީ ނުހައްގުން ކަމަށާއި އެކަން ކުރަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަފާނެތީ ބިރުންކަމަށެވެ.

މާލެ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމްގެ ފަރާތުން ކެންޑިޑޭޓަކު ވާދަކުރުމަށް ނިންމާފައިވާއިރު  ދެވަނައަށް އެންމެ އާބާދީ ބޮޑު  އައްޑޫ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓްގައި ވޮލީ ބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ކުރިމަތިލައްވަން ވަނީ ނިންމާފައެވެ. .ލަތީފްގެ ފޯމު ޕީޕީއެމްގެ ފަރާތުން މާދަމާ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނެއެވެ.