English Edition
Dhivehi Edition
17 ޖެނުއަރީ 2020 ގައި ރޭޕް އާއި ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިން ޕޯސްޓަރުތައް ހިފައިގެން - ފޮޓޯ: ނިޝާން އަލީ (މިހާރު)

މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކު ރޭޕްކުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙުޤީޤުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން މިހާރު އެ މައްސަލަ ތަޙުޤީޤުކުރަމުން އަންނައިރު، އެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާއަކީ އެ ސަރވިސް އިން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށާއި، އެފަދަ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ހާދިސާ ހިނގި އަތޮޅާއި ރަށް ހާމަނުކުރާ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަ އިތުރު ވެފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް ވަނީ ޖިނާއީ އިޖުރާއަތުތަކުގެ ޤާނޫނުގައި ބަޔާން ކުރާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ އަމަލު ހިމަނަން ހުށަހަޅާފައެވެ.