English Edition
Dhivehi Edition

ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ގައި މިހާތަނަށް 1،873 މީހުން މަރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޗައިނާގެ ވުހާން ސިޓީ ހިމެނޭ ހުބޭއި ޕްރޮވިންސުން ފުރަތަމަ ފެނުނު މި ވައިރަހަށް އެތައް ހާސް ބަޔަކު ވަނީ ޕޮޒިޓިވް ވެފައެވެ. އިއްޔެ އެކަނިވެސް ހުބޭއި ޕްރޮވިންސުން 93 މީހަކު ވަނީ މަރުވެފައި އެވެ. އަދި ޗައިނާގެ އެހެން ހިސާބުތަކުން 5 މީހުން މަރުވެފައިވާއިރު މިހާތަނަށް 72,436 މީހަން ވައިރަހަށް ޕޮޒިޓިވް ވެފައިވާކަމަށް ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން މައުލޫމާތު ދެއެވެ.

ބެއިޖިންގެ މީޑިޔާއަކުން މައުލޫމާތު ދޭގޮތުގައި 3،000 އަށްވުރެ ގިނަ ސިއްހީ އެހީތެރިންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. މިއީ އެ ޤައުމުގެ ސަރުކާރުން ހާމަކުރި މައުލޫމާތައްވުރެ 2 ގުނަ އިތުރު އަދަދެކެވެ. ޗައިނާ ސަރުކާރުން މިމަހުގެ 14 ވަނަ ދުވަހު ބުނެފައި ވަނީ 1،716 ޑޮކްޓަރުންނާއި ނަރުހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ވޯލްޑް ހެލްތު އޮގަނައިޒޭޝަން(ޑަބްލިއުއެޗްއޯ) އިން ބުނެފައި ވަނީ ޗައިނާގެ މެޑިކަލް ޑާޓާ ދައްކާ ގޮތުން ބަލި ޖެހިފައިވާމީހުންގެ 80 އިންސައްތަ މީހުންގެ ފަރާތުން ބަލީގެ ނިޝާންތައް ފެންނަނީ ވަރަށް މަދުން ކަމަށާއި އެމީހުން އަވަހަށް ބަލިން ފަސޭހަވާނޭ ކަމަށް ބެލެވޭ ކަމަށެވެ. 14 އިންސައްތަ މީހުން ނިއުމޯނިޔާ ހުންނަ ކަމަށާއި 5 އިންސައްތަ މީހުން ތިބީ ސީރިޔަސް ހާލަތުގައި ކަމަށެވެ. އަދި 2 އިންސައްތަ މީހުން މަރުވެފައިވާ ކަމަށް އެ ޑާޓާ ތަކުން ދައްކައެވެ.

ވައިރަސް ޖެހިގެން 5 ޤައުމަކުން މިހާތަނަށް މީހުން މަރުވެފައި ވެއެވެ. އެއީ ޗައިނާ، ޖަޕާން، ހޮންކޮންގް، ޓައިވާން، ފްރާންސް އަދި ފިލިޕީންސް އެވެ.