English Edition
Dhivehi Edition
2018ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ރައީސް ޞާލިޙް ކަސްޓަމްސްގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށް ވަޑައިގަންނަވަނީ - ފޮޓޯ: ނިޝާން ޢަލީ (މިހާރު)

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކާރުކޮޅު މައްޗަށް ފެން ވެއްޓުނީ ގެއެއްގެ ޓެރަސް މަތީގައި ހުރި ގަސްތަކަކަށް ފެންދިނުމުގެ ތެރޭގައި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެވެ.

ރައީސް ޞާލިޙްގެ ކާރުކޮޅު މައްޗަށް ފެން އެއްޗެއް އޮއްސާލިކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ ފެބްރުއަރީ 15 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ފުލުހުން މިއަދު ބުނީ ހޮނިހިރު ދުވަހު ރައީސްގެ ކާރުކޮޅަށް ހެންވޭރުގައި ހުރި އިމާރާތަކުން ފެން އެއްޗެއް ބަންޑުން ކޮށްލިކަމަށް ބެލެވޭ މައްސަލައާއި ގުޅިގެން ފުލުހުން ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ އެ ގޭ ޓެރަސް މަތީގައި ހުރި ގަސްތަކަކަށް ފެން ދިނުމުގެ ތެރޭގައި ކަމަށެވެ.

އަދި އެއީ ޤަސްދުގައި މީހަކު ކުރި ކަމެއް ނޫންކަން ފުލުހުން ތަޙުޤީޤަށް ފާހަގަ ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ރައީސްގެ ކާރުކޮޅުގެ މައްޗަށް ފެން ވެއްޓުނީ ހ. ހީނާމާގެ ކައިރިންނެވެ. ނަމަވެސް އެ ހާދިސާ ހިނގި ވަގުތު ކާރުކޮޅުގައި އިނީ ޑްރައިވަރު އެކަނި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.