English Edition
Dhivehi Edition
އަންހެނުންނަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ޕްރަގާތިވާދީ

މެދުރާއްޖެތެރޭގެ ރަށެއްގައި ދެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ދެ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙުޤީޤުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައި ފެބްރުއަރީ 15 ވަނަ ދުވަހުގެ ވަގުތެއްގައި އުމުރުން 38 އަހަރުގެ ދިވެހި އަންހެނަކާމެދު 52 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާކުރަން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ދެމެފިރިއަކު ނިދާފައި އޮއްވާ އެގެއަށް ގޮތް ނޭނގޭ ފިރިހެނަކު ވަދެ، އަންހެން މީހާއަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް މި ދެ މައްސަލައާއި ގުޅިގެންވެސް މީހަކު ހައްޔަރުކުރި ކަމެއް އަދި ސާފެއް ނުވެއެވެ.

ފުލުހުން ބުނީ މި ދެ މައްސަލަވެސް ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ. އަދި މިފަހުން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައްކަންވެސް ފާހަގަކޮށްލެވެއެވެ.