English Edition
Dhivehi Edition
ފުލުހުން އަތުލައިގަތް ބަނގުރާފުޅިތައް - ފޮޓޯ: ޕޮލިސް

ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކަކާއެކު ހައްޔަރު ކޮށްފައިވަނީ އުމުރުން 28 އަހަރުގެ ބަނގްލަދޭޝް ފިރިހެނަކު ކަމަށެވެ.

އަދި އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި މީހަކު ބަނގުރާ ފުޅިތަކެއް ހިފައިގެން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިފެބުރުއަރީ މަހުގެ 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ގެންގުޅުނު ދަބަހަކާއި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު 20 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ފަހަކަށް އައިސް ބަނގުރަލާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ބިދޭސީން ހައްޔަރުކުރާ މިންވަރު މިވަނީ އިތުރުވެފަ އެވެ.