English Edition
Dhivehi Edition
މީގެ ކުރިން ސިނަމާލެ ބްރިޖު މަތީގައި ހިނގި އެކްސިޑެންޓެއް - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ބުރުޒުމަގުގެ އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި އެމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ އެހެން ސައިކަލަކުން ޖައްސާ އެކްސިޑެންޓް ކޮށްލާފައިވާ މައްސަލައެއް ރޭ 10:38 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ އެކްސިޑެންޓް ހިނގި ވަގުތު އެތަނުން އެއް ސައިކަލު ދުއްވަން އިނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެ ސައިކަލުގެ ފަހަތުގައި އިނީ އުމުރުން 22 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ. އެ ދެ މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިގެން އަންހެން މީހާ އައިޖީއެމްއެޗް އަށް ގެންގޮސްފައިވާއިރު، ފިރިހެން މީހާ ވަނީ އޭޑީކޭ ހޮސްޕިޓަލަކަށް ގެންގޮސްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި އެ އެކްސިޑެންޓް ހިނގި ވަގުތު އަނެއް ސައިކަލު ދުއްވަން އިނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށާއި، މެންދަމު 01:45 ހާއިރު އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގައި ދެ ސައިކަލު ދުއްވަން އިން ދެ މީހުން އަތުގައިވެސް އެއްގަމު އުޅަނގު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށާއި، ދެ ސައިކަލަށްވެސް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.

ފުލުހުން ދަނީ މިހާރު އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.