English Edition
Dhivehi Edition

ސްރީލަންކާގެ އަސްކަރިއްޔާގެ ވެރިޔާ ޔުޓެނަންޓް ޖެނެރަލް ޝަވެންދުރަ ސިލްވާ އަށް އެމެރިކާއަށް ނުވަދެވޭގޮތަށް ބްލެކް ލިސްޓު ކޮށްފި އެވެ.

އެމެރިކާއިން ބުނެފައިވަނީ ސްރީލަންކާގެ އަސްކަރިއްޔާގެ ވެރިޔާ އެމެރިކާއަށް ނުވަދެވޭގޮތަށް ބްލެކް ލިސްޓު ކޮށްފައި ވަނީ ލަންކާގައި ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް ކުރި ދާހިލީ ހަނގުރާމައިގެ ތެރެއިން އާންމުން މެރުމާއި އިންސާނީ ހައްގުތަކަށް އަރައިގެންކަމުގެ ތުހުމަތުގައި ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަނގުރާމައިގެ ތެރެއިން ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތައް ޖަވާބުދާރީކޮށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް އެމެރިކާއިން ފަސް ނުޖެހޭނެ ކަމަށެވެ.

ސިލްވާ އާއި އޭނާގެ އާއިލާގެ މީހުންވެސް އެމެރިކާއަށް ނުވަދެވޭ ގޮތަށް އެ ޤައުމުން ބްލެކް ލިސްޓު ކުރިއިރު ލަންކާގެ މިނިސްޓްރީ އޮފް ފޮރިން ރިލޭޝަން އިން ބުނީ ހަމައެކަނި ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް އެފަދަ ފިޔަވަޅުތަކެއް އެޅުމަކީ އެންމެ އިންސާފުވެރިގޮތް ނޫން ކަމަށާއި ދެވަނަ ވިސްނުމަކަށް އެމެރިކާއިން ދާން ޖެހޭ ކަމަށެވެ.

ލަންކާގެ އަސްކަރިއްޔާގެ ވެރިޔާ ކަމަށް ސިލްވާ ހަމަޖައްސާފައި ވަނީ މިދިޔައަހަރުގެ އޮގަސްޓު މަހުގައެވެ. އދ. އިންވެސް ވަނީ ސިލްވާ އެ މަގާމަށް އައްޔަން ކުރުމުން ނުރުހުން ފާޅުކޮށްފައެވެ. އަދި އދ. އަމަން ބަލަހައްޓާ ފައުޖުގައި ލަންކާ ސިފައިން ބައިވެރި ނުކުރަން އދ. އިން ވަނީ ނިންމާފަ އެވެ.

ލަންކާގައި ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް 26 އަހަރުވަންދެން ހަނގުރާމަ ކޮށްފައިވާއިރު އެ ހަނގުރާމަ ލަންކާގެ އަސްކަރިއްޔާއިން ކާމިޔާބުކޮށްފައި ވަނީ 2009 ވަނަ އަހަރުގައެވެ. އެތައް ހާސް ބަޔަކު އެ ހަނގުރާމައިގައި މަރުވެފައިވާއިރު އެތައް ހާސް ބަޔަކު ވަނީ ގެއްލިފައެވެ.