މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސް، ކޮވިޑް-19 ޖެހިފައިވާ 1،700 އަށްވުރެ ގިނަ ހެލްތު ވޯކަރުން ފެނިފައިވާކަމަށް އެ ވައިރަސް އެންމެ ގަދައަށް ފެތުރިފައިވާ ޗައިނާއިން ބުނެފިއެވެ.
ޗައިނާގެ ވުހާން ސިޓީ ހިމެނޭ ހުބޭއި ޕްރޮވިންސުގެ މަސް މާރުކޭޓަކުން ފުރަތަމަ ފެނުނު ކޮރޯނާ ވައިރަސް އެ ޕްރޮވިންސުގެ އެތައް ހާސް ބަޔަކަށް ޖެހިފައިވާއިރު އެތައް ސަތޭކަ ބަޔަކު ވަނީ ވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައެވެ. ޖަނަވާރުންގެ ޒަރިއްޔާއިން އިންސާނުންގެ ގަޔަށް އަރާކަމަށް ފުރަތަމަ ބެލެވުނު މި ވައިރަސް އިންސާނުން އިންސާނުންގެ ގަޔަށް އަރާކަން ފަހުން ވަނީ ކަށަވަރުވެފައެވެ.
ވައިރަސް ޖެހިފައިވާ މީހުން ފަރުވާދެމުން ދަނީ އެމީހުން އެކަހެރިކޮށް ބައިތިއްބައިގެންނެވެ. ވައިރަސް ޖެހިފައިވާ މީހުންގެ ގައިން ވައިރަހަށް ޕޮޒިޓިވްކަން އެންގެން އެތައް ދުވަހެއް ނަގާއިރު އެ ފަދަ މީހުން އެހެން ބަޔަކާއި މުއާމަލާތް ކޮށްފައި ވާނަމަ އެބަޔަކަށް ވައިރަސް ޖެހުމުގެ ފުރުސަތުވެސް ބޮޑެވެ. މި ވައިރަސް ބޮޑަށް ޖެހިފައި ވަނީ އުމުރުން ދުވަސްވީ މީހުންނަށެވެ. ކުޑަކުދިންނަށްވެސް މި ވައިރަސް ޖެހިފައިވާއިރު އަލަށް އުފަންވި ކުއްޖަކުވެސް ވައިރަހަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ޗައިނާގައި މި ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށް އެތައް ސަތޭކަ ނަރުހުންނާއި ޑޮކްޓަރުން ހަރަކާތްތެރިވާއިރު އެ އެންމެން މަސައްކަތް ކުރަނީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. މިހާތަނަށް 1،700 ސިއްހީ އެހީތެރިން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 6 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ. ގިނަ ބަޔަކު ތިބީ އެކަމުގެ ސަބަބުން ބޮޑު ބިރެއްގެ ތެރޭގައި އެވެ.
މިހާތަނަށް ދުނިޔޭގެ 29 ޤައުމަކުން ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުން ފެނިފައިވާއިރު އެންމެ ގިނައިން ވައިރަހަށް ޕޮޒިޓިވް މީހުން ފެނިފައި ވަނީ ޗައިނާ އިންނެވެ. އެގޮތުން އެ ޤައުމުން މި ވައިރަހަށް ޕޮޒިޓިވް 63،000 އަށް ވުރެ މީހުން ވަނީ ފެނިފައެވެ.