English Edition
Dhivehi Edition
ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އެމްޑީޕީގެ އަމާޒަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފައްޓަވައި ދެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލް އިންތިހާބަށް ނުކުންނަ އެމްޑީޕީގެ ކެންޑިޑޭޓުން ތިއްބެވީ ބަރާބަރަށް ތައްޔާރުވެގެންކަމަށެވެ. އަދި އެމްޑީޕީއިން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސްވަނީ ގޮވާލާފައެވެ.

ކައުންސިލް އިންތިހާބު އެމްޑީޕީ އިން ކާމިޔާބުކުރުން މުހިއްމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދާދި ފަހުން ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކަށް ބާރުތަކެއް ދީފައި ހުރުމުން، ސަރުކާރުން ހިންގަން ޖެހޭ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރުގެ އެޖެންޑާ ތަންފީޒު ކުރާނެ ބަޔަކު ކައުންސިލްތަކުގައި ތިބުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި ރައީސްވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ނިމިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ރައްޔިތުން އެމްޑީޕީއަށް ދިން އިރު އަދިވެސް ރައްޔިތުން  ތިބީ ހަމަ އެ މިސްރާބަށް ދަތުރު ކުރަން ވިސްނައިގެންކަމަށެވެ. “އެހެންކަމުން އަޅުގަނޑަށް ގަބޫލު ކުރެވެނީ އެއަށް ވުރެ ބޮޑުކޮށް އިންތިހާބު ކުރެވޭނެ ކަމަށް،”ރައީސް ވިދާޅުވިއެވެ.