English Edition
Dhivehi Edition

ފީނަން އުޅުމުގެ ތެރޭގައި ޑައިވިން ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ)ވާ މީހުންނަށް ފަރުވާ ދޭ ޑިކޮމްޕްރެޝަން ޗެމްބާއެއް ސަރުކާރުން ބަހައްޓާނަމަ އެންމެ ފުރަތަމަ ބަހައްޓަންޖެހޭނީ ހުވަދޫ އަތޮޅުގައި ކަމަށް ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

ސައުދު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ޗެންބަރެއް ގާއިމުކުރަން ނިންމާފައިވާ ވާހަކަތަކާއި އެކު ހުވަދޫ އަަތޮޅުގެ މަސްވެރިން އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް އިއްޔެ ކުރި މުޒަހާރަގެ ފޮޓޯއެއް ޓުވިޓާގައި ހިއްސާކުރައްވަމުންނެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ފީނަން އުޅުމުގެ ތެރޭގައި ޑީކޯ ވާ ފަރާތްތަކަށް ފަރުވާދެވޭނެ އިންތިޒާމު އައްޑޫ ސިޓީގައި ގާއިމްކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި މި މަހުގެ ތިން ވަނަ ދުވަހު ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޑީކޯވާ މީހުންނަށް ފަރުވާދޭ ޗެމްބަރެއް އައްޑޫ ސިޓީގައި ބަހައްޓަން ނިންމާފައިވާކަމަށްއިއުލާންކުރައްވާފައެވެ.

މި މައްސަލައިގައި މަސްވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު ސައުދު ވިދާޅުވީ އެންމެ ފުރަތަމަ ޗެމްބަރެއް ހުވަދޫ އަތޮޅުގައި ބަހައްޓަންޖެހޭ ސަބަބަކީ އެންމެ ގިނަ މިފަދަ ހާދިސާތައްވެސް ހިނގާފައިވަނީވެސް ހުވަދޫގައިކަމަށްވާތީއެވެ. އަދި އެންމެ ގިނަ މަސްވެރިން އެންދަމަން ޑައިވް ކުރަނީވެސް ހުވަދީގައިކަން ފާހަގަކުރައްވަމުން ސައުދު ވިދާޅުވީ  އެންމެ ގިނަ ރިސޯޓްތައްވެސް ހިންގަނީ ހުވަދޫގައިކަމަށާއި އެންމެ ގިނަ މަސްދޯނި ފަހަރާއި މަސްވެރިންވެސް ތިބީ ހުވަދޫގައިކަމަށެވެ.

 

ޑިކޮމްޕްރެޝަން ޗެމްބަރު އައްޑޫ ސިޓީގައި ބަހައްޓަން ނިންމާފައިވާތީ ހުވަދު އަތޮޅުގެ ތިން ރަށެއްގެ މަސްވެރިންވަނީ އިއްޔެ މުޒާހަރާކޮށްފައެވެ. ގދ. ތިނަދޫ، ގއ. ގެމަނަފުށި އަދި ގއ. ނިލަންދޫގެ މަސްވެރިން ކުރި މުޒާހަރާގައި ޗެމްބަރު ބެހެއްޓުން އެންމެ ރަނގަޅީ ހުވަދު އަތޮޅުގެ ރަށެއްގައިކަމަށް ބުނެ އަޑުއުފުލާފައިވާއިރު އެމީހުން ބުނީ އެންމެ ގިނަ މީހުން ޑައިވްކުރާ އަދި އެންމެ ގިނަ މީހުން ޑީކޯ ވަނީވެސް ހުވަދޫ އަތޮޅުގައި ކަމަށެވެ. އަދި އައްޑޫގެ ގިނަ މަސްދޯނިތައްވެސް އެން ނަގަން އަންނަނީ ހުވަދު އަތޮޅަށް ކަމަށް މުޒާހަރާގެ ބައިވެރިންވަނީ ބުނެފައެވެ.މި މައްސަލައިގައި ހުވަދު އަތޮޅުގެ މަސްވެރިން ބުނީ އައްޑު އަތޮޅުގައި ޗެމްބަރު ބަހައްޓައިފި ނަމަ އެތަނަށް ދާން ޖެހޭނީ ދޯންޏެއްގައި ނުވަތަ ލޯންޗެއްގައި ނުވަތަ ހެލިކޮޕްޓަރެއްގައިކަމަށްވާއިރު ކޮންމެ ގޮތަކަށް އައްޑޫއަށް ދިޔަޔަސް ދެވޭ އިރު ޑީކޯވެފައި އޮންނަ މިހާއަށް ހުންނާނީ ބޮޑު ގެއްލުމެއްވެފައިކަމަށެވެ.